ޕާޓީ ގޮފިތަކުގެ ބޭނުމަކީ ކޮބާ

>> Monday, September 22, 2008

ވައިކަރަދޫގައި އެކި ޕާޓީތަކުގެ ގޮފިތައް އެކުލަވައި ލާފަވެއެވެ. މިގޮތުން އަދާލަތު ޕާޓީގެ ގޮތްޕަކާއި ޑީއާރުޕީ ގެ ގޮތްޕަކާއި އެމްޑީޕީ ގެ ގޮފި ހިމެނެއެވެ. ކޮންމެ ބަޔަކުވެސް ގޮފި ހެދުމުގެ މައިގަނޑު ބޭނުމަކީ ޕާޓީއަށް ކުރިއެރުން ހޯދާދިނުން ކަންނޭނގެއެވެ. އެހެން ނަމަވެސް ރަށްފުށުގައި އުފައްދާފައިވާ ގޮފިތަކުގެ ބޭނުމަކީ އެފަދަ ބޭނުމަކަށް ވެގެން ނުވާނެއެވެ. ރަށްފުށުގައި އުފައްދާފައިވާ ގޮފިތަކުގެ ބޭނުމަކަށް ވާން ޖެހޭނީ ރަށަށް ފައިދާ ހުރި ކަންކަން ޕާޓީގެ ލެވެލުން ކުރުމެއެވެ. ޕާޓީގެ ގޮތްޕެއް ނަމަ ރަށަށް ފައިދާ ކުރާނެ ކަންކަމާމެދު ވަކާލާތު ކޮށްގެން ރައްޔިތުންނަށް މަންފާތަކެއް ވޭތޯ ހިންމަތާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. ގޮފިތަކަކީ ޕާޓީއަށްޓަކައި ސޮއި ހޯދަން ޖެހޭ ބަޔަކަށް ވެގެން ނުވާނެއެވެ. ރަށުގެ އާންމު މަސްލަހަތު ގެއްލިގެން ދާނަމަ އެކަމާ އަޅާ ނުލާ ހުރުމީ ގޮފިތަކު އަސާސަކަށް ވެގެން ނުވާނެއެވެ. ވެރިން ހިޔާނާތްތެރިވެ ރައްޔިތުންގެ މުދަލަށް ހިތަށް އެރި ގޮތެއް ހަދާނަމަ އެކަން ހަރުކަށި ބަހުން ކުއްވެރި ކުރުމުގެ ބަދަލުގައި އެކަމާ ބެހޭގޮތުން އަމަލުން ދެއްކުމީ ގޮފިތަކުގެ މަސްއޫލިއްޔަތަކަށް ވާންޖެހެއެވެ. އަދި އެހެންމެ ރަށުގެ އިޖުތިމާއީ ހާލަތު ގޯސްވެގެން ދާނަމަ އެކަން ހައްލު ކުރުމުގެ ގޮތުން ފިޔަވަޅު އެޅުމީ ގޮފިތަކުގެ ޒިންމާއެކެވެ. ވައްކަމާއި މާރާމާރީ ގިނަވެ އާންމު ފަރުދުންނަށް ގެއްލުންތަކެއް ވާނަމަ ފުރަތަމަ އެކަމާއި ބެހޭގޮތުން އަވަސް ފިޔަވަޅެއް އަޅާގެން ހައްލެއް ގެނެވޭތޯ ބެލުމީ ގޮފިތަކުގެ މައިގަނޑު ބޭނުމަކަށް ވާންޖެހޭނެއެވެ. ސަރުކާރު މުއައްސަސާތަކުން ރައްޔިތުންނަށް ފައިދާވާ ކަމެއް ކުރޭތޯ ނުކުރޭތޯ ބަލާ ޗެކު
ކުރުމީ ގޮފިތަކުގެ މަސްއޫލިއްޔަތެކެވެ. ގޮފީގައި މީހުން މަދޭ ހިތާ އެހެން ގޮފިތަކުން މީހުން އުނި ކުރުމަށް އަރުވާ ޖަހައިގެން އުޅުމީ ބޭއިންސާފު ކަމެކެވެ. ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަންވީ ޖަމާޢަތުގެ ފައިދާއަށެވެ.
ތަނުގެ މަސްލަހަތު ޤާއިމު ކުރުމީ ގޮފިތަކުގެ އެންމެ މުހިއްމު ރުކުނެއެވެ. ގޮފި ހަދައިގެން މަހަކު އެއްފަހަރު ޖަލްސާއެއް ބޭއްވުމަކީ އިންސާފަކަށް ނުވާނެއެވެ. އަމިއްލަ އެދުން ބޮޑުކޮށްގެން ގޮފިތައް ހިންގުމީ ލިބޭ ކުރިއެރުމެއް ނޫނެއެވެ. ރަށުގެ ކަން ކަމާއި މެދު ފުރަތަމަ ވިސްނަން ޖެހޭ މުއައްސަސާއަކީ ޕާޓީތަކުގެ ގޮފިތަކެއެވެ. ސިޔާސީ ޕާޓީގެ ގޮތްޕެކޭ ހިތާ އިޖުތިމާޢީ މައްސަލަ ތަކާ ނުބެހި ރެކިގެން އުޅުމީ މުހިއްމު ކަމެއްނޫނެއެވެ. ރައްޔިތުންނަށް ފައިދާ ހުރި ކަން ކަން ނުނިންމާ ނަމަ ގޮފިތައް ހިންގުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ރައްޔިތުންގެ އަސާސީ ކަން ކަމާމެދު ހިޔާލެއް ފިކުރެއް ނުކުރާނަމަ ގޮފިތަކުގެ ބޭނުމަކީ ކޮބައިތޯ ގޮފިތަކުގައި ނަގާކިޔަން ތިއްބަވާ ވެރިން ބުނެދެއްވާށެއެވެ. ކަމެއްވާއިރަ ނޫސްބަޔާނެއް ނެރެ ރައްޔިތުންގެ ސަމާލުކަން ހޯދުމީ ކުރި އެރުމަކަށް ނުވާނެއެވެ. ތިމަންނަމެން ކަންބޮޑުކަން ފާޅުކުރަމޭ ހަރުކަށިބަހުން ކުށްވެރި ކުރިޔަސް ކަމަކު ނުދާނެއެވެ. ކުށްވެރި ކުރާނަމަ އަމަލުން ވެސް އެކަން ދައްކަން ޖެހޭނެއެވެ. ހަރުކަށި ބަހުން ކުއްވެރި ކުރުމުގެ ބަދަލުގައި ގޮފީގެ ފަރާތުން ކުރެވެން އޮތީ ކޮންކަމެއްތޯ ބަލާފައި އެކަމަކާ މެދު ފިޔަވަޅު އެޅުމީ އެދެވިގެންވާ ކަމެކެވެ. އެހެން ނޫނިއްޔާ ގޮފިތަކުގެ ބޭނުމެއްނެތެއެވެ. ރައްޔިތުންގެ ކެކުޅުންތަކައި މެދު ނުވިސްނަވާ ނަމަ ގޮފިތަކުގެ މުހިއްމު ކަމެއްނެތެއެވެ. ރަށުގެ ވެރިން ރަށާއި މެދު ކުރާ އުންމީދަކީ ކޮބައިތޯ އޮޅުންފިލުވުމަކީ ގޮފިތަކުގެ ބޭނުމަކަށް ވާންޖެހޭނެއެވެ. އެހެން ނޫންނަމަ ނަމަކަށް ގޮފި ހަދައިގެން އުޅުމުގެ ބޭނުމެއް ނެތެއެވެ.

0 comments:

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP