ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަންނަވާ"

>> Thursday, September 25, 2008


މީގެ ހަތަރު އަހަރުގެ ކުރިއެވެ. ޖުމުހޫރީ ޕާރކްގައި ގިނައަދަދެއްގެ ދިވެހިން ، އެއްވެ މިތިބީ ސަރުކާރުން ދެމުންދާ އަނިޔާތަކާއި ކުރަންޖެހޭ ތަހައްމަލުތައް ގިނަކަމުން ސުޢޫރު ފާޅުކުރުމަށްށެވެ. ޤާނޫނު އަސާސީގައި ލިބިދީފައިވާ ހައްޤުގެ ތެރެއިންނެވެ. އެއްވި މީހުންގެ ނިސްބަތަށް ބަލާއިރު ހާހުން ގުނާލެވޭނެއެވެ. ކޮންމެ މީހަކުވެސް ގޮވަމުންދިޔައީ އެމީހަކަށް ދިމާވެފައިވާ ވޭނީ ތަހައްމަލުތަކުގެ ވާހަކައެވެ. އެކި އަޑުން އެކި ދުލުން އިއްވަމުން ދިޔައެވެ. މަޑުމައިތިރިކަމާއި ސުލްހަވެރިކަމާއި އެކުގައެވެ. ބައެއް ކުދިން ގޮވަމުންދިޔައީ ސިޔާސީ ކުއްވެރިން ޖަލުތަކުން މިނިވަން ކުރުމަށެވެ. އަނެއްބަޔަކު ގޮވަމުން ދިޔައީ މިހާރުގެ ރައީސް މައުމޫން މަޤާމުން އިސްތިއުފާ ދިނުމަށެވެ. އެއެްވެ ތިބި މީހުންގެ މޫނުމަތިން ކުލަވަމުންދަނީ މަދަނީ ބަސްނޭހުމުގެ މިނިވަން ކަން ލިބިގެން އުޅޭ ކަމުގެ ކުލަވަރުތަކެވެ. ހެމުންނާއި އުފަލުންނާއި ބައެއް ފަހަރު ރޮމުންވެސް އެމީހެއްގެ ހިޔާލާއި ފިކުރު އިއްވަމުންދިޔައެވެ. އެއީ އުފާވެރިކަމާއި ހިތާމަވެރިކަން އިހުސާސް ކުރެވުނު ދުވަހެކެވެ. އެއީ ކަޅުހުކުރު ކަމަށް ފަހަކަށް އައިސް ނިސްބަތް ކުރާ އޮގަސްޓް ބާރައެވެ. އަޅުގަނޑުވެސް ޖުމުހޫރީ މައިދާނަށް ދިޔައީމެވެ. އަޅުގަނޑު ހަމަ ކޮސްވިއެވެ. ސިފައިންގެ ބާރާއި ނުފޫޒްގެ މަތިން ހަދާން ނައްތާލައިގެން ހުރެ އެމީހެއްގެ ސުޢޫރު ފާޅުކުރަމުން ގެންދިޔައީމައެވެ. އަޅުގަނޑަށް އެކަހަލަ މަންޒަރެއް ފާޑަކަށް މީގެ އެތަކެއް އަހަރުގެ ކުރިން ފެނުނެވެ. އެއީ 3 ނޮވެމްބަރ ޢުދުވާނީ ހަމަލާއި ގުޅިގެން ވައިކަރަދޫ ކުރީގެ ރަށުއޮފީހު ދޮރުމަތީގައި ލުތުފީމެން ސަގަރު ނާސިރުމެންގެ ފޮޓޯ ކުރަހައިގެން އެއްވެގެން ސުޢޫރު ފާޅުކުރި ދުވަހެވެ. މިދުވަހާއި ކަޅުހުކުރާ ވަރަށް ތަފާތެވެ. 3 ނޮވެމްބަރ ޢުދުވާނީ ހަމަލާއި ގުޅިގެން އެއްވި އެއްވުމަކީ ސަރުކާރުން ދަންނަވާގެން ކަތީބު އިސްނަންގަވައިގެން ދުރާލަ ކުރި މަދަނީ ބަސްނޭހުމެކެވެ. އޮގަސްޓް ބާރަތޭރަ އަކީ ފަހަކަށް އައިސް ދިވެހިން އޮބިއަޅައިގެން ހިފަހައްޓަމުން ގެންދިޔަ ހިޔާލުތައް ބަންޑުންލި ދުވަހެވެ. ބަންޑުން ކޮށްލި އެތަކެއް ދިވެހިންގެ ކެކުޅުންތަކަށް ހުރަސް އެޅުމަށް ރައްޔިތުންގެ ތެރެއިން ބަސްވިކޭ މީހަކު ހުއްޓާ ހުދު އަޅުގަނޑު ދުށީމެވެ. މިއަދު އެބޭފުޅާއަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ހައްޤެއް ހޯދުމަށް ބާރުލާ ފައި ހަރުގަންނަވާފައި ކެންޕޭން ކުރަމުންދާ ބޭފުޅެކެވެ. އެއީ ކަޅުހުކުރުގެ އެއްވުން ބޭއްވުނު މައިދާނުގެ ނަމުން ސިޔާސީވެގެން ހުންނެވި ޤާސިމް އިބުރާހިމެވެ. ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެވެ. އެބޭފުޅާ އެދުވަހުން މެގުފޯނަކުން ގޮވަމުން ގެންދިޔައީ " ކޮންމެ ބޭފުޅެއްވެސް ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަންނަވާށެވެ" މިހެންނެވެ. ތަކުރާރުކޮން ގޮވިއެވެ. ޤާސިމަކަސް ކާސިމަކަސް ސުޢޫރު ފާޅުކުރުމުގެ މިނިވަން ކަމަކާއި ނުބެހެވޭނެވެ. ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަތުމަށް އިއްވޭނީވެސް ހަމަނުޖެހުމެއް ހިނގީމަތާއެވެ. އަޅުގަނޑުމެންގެ ހައްޤެއް ގަސްދުގައި ނިގުޅައިގަތުމަށް އަޑަށް ބާރުލައްވާފައި ވިދާޅުވި އިރު މިއަދު ޤާސިމް އަންނަން މިޖެހެނީ އަޅުގަނޑުމެން ގާތަށެވެ. އެދުވަހު އަޅުގަނޑުމެންނަށް ލިބުނު އުފާވެރިކަން ނިގުޅައި ގަތުމަށް ދެންނެވި ދެންނެވުން އަލުން އިޔާދަ ނުވާނެބާއެ ހިތަށް އަރައެވެ. ޤާނޫނު އިސްލާހުކުރީ ތިމަންނައޭ ވިދާޅުވަމުން ދާއިރު ބައެއްގެ ހައްޤު ގަސްދުގައި އޮބި އެޅުމަށްޓަކައި އިލްތިމާސް ކުރެއްވީ ކީއްވެގެންތޯއެވެ. މަޑުމައިތިރިކަމާއި އެކު އެއްވި އެތައްހާސް ދިވެހިންގެ ލޮލުން ކަރުނަ އޮހޮރާލިއެވެ. އެފަދަ ބޭފުޅެއް އެކަހަލަ ވާހަކައެއް ދަންނަވާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިޔެއް ނުކުރަމެވެ. އެކަމަކު އެދެއްކެވީތާއެވެ. އަޅުގަނޑުމެންގެ ގާތަށް ވޯޓް ހޯދުމުގެ ނިޔަތުގައި ވަޑައިނުގަންނަވާށެވެ. " ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަންނަވާށެ"އެވެ

Read more...

ފެށުން


ޗައިނާގެ ކިޔަވާކުދިން އެދުނީ ޗައިނާގައި އަދުލުވެރި، އިންސާފުވެރި ސަރުކާރުގެ ފައިސާގައި ނުޖެހި އިންސާނީ ހައްގުތަކަށް ލޯބިކުރާ، މަޤާމުގެ ގޮތުން ބާރުހޯދައި ނުފޫޒް ނުހިނގާ، ވެރިންނާއިއެކު ސަރުކާރު ހިންގުމެވެ. ޖާހިލްކަން ދޫކޮށް ތެދުމަގަށް ރުޖޫއަވުމަށެވެ. މިފަދަ މާތް މަޤްސަދެއްގައި ދެމި ތިބުމަށް ޓިއަނަމަން މައިދާނުގައި އެއްވެތިބި ކުދިން އެއްގަމުގެ ސިފައިންގެ 27 ވަނަ ޑިވިސަންގެ ޓޭންކްތަކުގެ ފުރޯޅުދަށުވެ، ވެއްޔާއި މަސްހުނިވެދިޔައޭ ބުނެވިދާނެއެވެ. މުޅިދުނިޔެ އެމަންޒަރުތަކަށް ހެކިދެނިކޮށެވެ. އަހަރަމެން އެއްމެންވެސް ކުރެވުނުހާ ކަމަކީ "ހާދަދެރައޭ" ކިޔަކިޔާތިބުމެވެ. ނަން މަސްހޫރު އެމެރިކާގެ ކުރީގެ ހާރިޖީވަޒީރެއް ކަމުގައިވާ ހެންރީކިސިންޖަރް އެދުވަހު ޓީވީގެ ޒަރީޢާއިން އިލްތިމާސްކުރީ ޗައިނާގެ ވެރިންނާއި މެދު ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ނައްތާލުމަށެވެ. މިއަޑު އަޅުގަނޑު އެހީމެވެ. ހިތުގައި ޖެހި ރޮމުންކަހަލަ ގޮތަކަށެވެ. ކިސިންޖަރް ކޮންމެ ސަބަބަކާއި ލައިގެން ނަމަވެސް އެބުނި އެއްޗަކާއި މެދު އަޅުގަނޑު ނަފްރަތު ކުރީމެވެ. ޗައިނާގެ ލީޑަރ ޑަންގް ސައިޕިންގް ދެކެ ރުޅި އާދެވުނެވެ. މިއަދު ރާއްޖޭގެ ޑަންސައިޕިންގްއަކީ ކާކުބާވައެވެ. ޓީއަނަމަން މައިދާނަކީ ކޮބައިބާވައެވެ. މަރުވެދާނޭ ޒުވާނުން އެބަތިބިބާވައެވެ. ރާއްޖެއަށް މިއަދު ވަމުން މިދާ ގޮތްދެކެފައި ޗައިނާއަށް ވޯގޮތް އެނގިފައިވާތީވެ "ހިޔާލުގެ އަސް" މާތަނަވަސް މައިދާނަކަށް ގެންދަން ދަތީއެވެ. އަހަރަމެންގެ ތެރެއިން ބައެއް ވެރިންނާބެހޭ ހަޤީޤަތް އެނގިދާނެތީވެ އެބައިމީހުން ކޮށްފައި ނުކުރާނެ ވަކިކަމެއް ލަފާކޮށްލަންވެސް ނޭނގެއެވެ. މިހާތަނަށް ކަންކުރަމުންދަނީ ޗައިނާގައި ވެސް ހަމަ ކަންކުރަމުން ގެންދިޔަ ގޮތަށެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރަނީ އިންސާފުވެރި އުސޫލުތަކެއް ޤާއިމު ކުރުމަށް ބަޔަކު އުޅެނީ ކަމުގައި ވަނީނަމަ އެބައެއްގެ އަގު ވައްޓާލުމަށެވެ. މަސައްކަތް ކުރަނީ އެންމެ ޖާހިލު ސިފައިގައެވެ. ބުއްދިޤަބޫލު ނުކުރެވޭފަދަ ނޫސްބަޔާން ތަކުގައި ރަޖިސްޓްރީވެގެން ނެރޭ ނޫސްނޫހުގެ މަސްއޫލުވެރިންނީ 3 ނޮވެމްބަރގައި އެހިނގި ނޭދެވޭ އަމަލުތައް ހިންގިކަމަށް ބުނާ މީހުންނާއި ގުޅިފައިވާ މީހުންނޭ ކިޔާ ހަޤީޤަތެއް ނެތް ހަބަރުފަތުރަނީއެވެ. ރަށުތެރޭގައި ފިތުނަ ފަސާދަ އުފައްދަނީއެވެ. ހުރިހާވެސް ބޭނުމަކީ ތެދު އެންގުމަށް ބޭނުންވާ މީހުން އަދުލްއިންސާފަށް ލޯބިކުރާ މީހުންނީ ޤައުމުގެ ދުސްމަނުންކަމުގައި ޢިއުލާން ކުރުމެވެ. މިނޫސްބަޔާންތައް އެނެރޭ ބަޔަކަށް " އިސްލާމީ ތަހްޒީބު" ގެ އަލިކުޑަކޮށްވެސް ފެނިފައި ހުރިކަމަށް ޤަބޫލުކުރަން ވަރަށް ދައްޗެވެ. އެބައިމީހުންގެ ހަމައެކަނި ބޭނުމަކީ ތެދުހަޤީޤަތް އޮޅުވައިލުން ކަމާއިމެދު އުފެދިފައިވާ ސައްކެއްވެސް ނެތި ހިނގެއްޖެއެވެ. މިހެން މިކަން ހުރިއިރު އުފެދޭ ސުވާލަކީ "ފޮރުވަން އެއުޅެނީ ކޮންއެއްޗެއް ނުވަތަ ކޮންކަމެއްބާވައެވެ. ހައްޤު އަދަބު ލިބިފައިތިބި މީސްމީހުންނާ ބައްދަލު ކުރުމުން އެނގިދާނެ އެއްޗެއް ބާވެއެވެ. ބަންދުގައި ތިބި ކުށްވެރިޔަކާއި ބައްދަލު ކުރުމުން މައުލޫމާތެއް އެނގުނަސް ސަރުކާރު ބަދުނާމްވާފަދަ މައުލޫމާތެއް އެގެންވީ ސަބަބެއް ނޯންނާނެއެވެ. އެހެނަސް އެފަދަ ކުށްވެރިއަކަށް އޭނާއަށް ހައްޤުނުވާ އަދަބެއް ލިބިފައިވާ ނަމަ އެމައުލޫމާތު ދިނުމުން ބަދުނާމް ވެދާނެކިތައްމެ ބައެއް އެބައުޅެވެ. ޖަލުގައި ނަހަމަ ގޮތުގައި އިންސާނިއްޔަތު ކަމެއްނެތް ސިފައިގައި ހައްޤުނޫން ކިތައްމެ އަނިޔާއެއް ދޭކަމީ މުޅިރާއްޖެއަށް ދަންނަ ސިއްރެކެވެ. ނޫސްވެރިއަކަށް ވެހުންނަވާ ކޮންމެ މީހެއްގެމެ ވާޖިބަކަށް ވާންޖެހޭނީ މިފަދަ ސިއްރުތައް ހާމަކުރުމެވެ. އެއީ ކޮންމެހެން ވަކި މީހެއްގެ ޒާތާއި ދިމާކުރުމުގެ ގޮތުގައެއް ނޫނެވެ. އާންމު ރައްޔިތުންނަށް ތެދު އަންގާ ދިނުމަށްޓަކައި އެވެ. ރާއްޖެއަސް "އިސްލާމީ ތަހުޒީބު" އައިސްފައިވޭބައެވެ. މިފަދަ ތަހުޒީބެއް ނެތްނަމަ އިސްލާމް ދީންގެ ތަހުޒީބު ގެނައުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ދުލެއްވުރެ ގޮށްމުށުގެ ބާރު ބޭނުންކޮށްގެން ނުވާނެއެވެ. ޤަލަމަށް ވުރެން ކަނޑީގެ ބާރު ގަދަކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެހެނަސް އަހަރަމެންނަށް ވިސްނަން ލިބިފައި މިވާ އޮނިގަނޑަކީ ވަރަށް ހަނި ދާއިރާއެއްގެ އެކުލަވައިލާފައިވާ އޮނިގަނޑެކެވެ. އަދުލްއިންސާފު ނެތުމާއި އިންސާނީ ހައްގުތަކުގެ ހުރުމަތް ކަނޑައިލުމާއި ޖަލުގައި އަނިޔާ ދެއްކުމާއި ހިޔާނާތްތެރިވުންފަދަ ކަންތައް އަހަރަމެން މުޖުތަމަޢުގައި ދިވެހި އާދަކާދައަށް ވެނިމިފައެވެ. އަޅުގަނޑުގެ މިލިއުން މިއީ ގޯސްލިއުމެއްކަމުގައި ބަލައި އަޅުގަނޑު ހައްޔަރުކޮށް އަނިޔާ ދެއްކުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް ބަންދުކުރެވޭނީ އަޅުގަނޑުގެ ހައްޓެވެ. ޖާނެއެވެ. ހުރިހާވެސް އެއްޗަކީ ހިތްކަމަށް ވަނީނަމަ އަތާއި އަތްފައިގައި ޗޭން އެޅުވިޔަސް ހިތެއް ބަންދެއް ނުކުރެވޭނެއެވެ.

ނޯޓް: މިލިއުމަކީ މީގެ އަށާރަ އަހަރުގެ ކުރިން ނެރުނު " ސަންގު" ނޫހުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދުނަސީދު އަންނި ލިޔެފައިވާ ލިއުމެކެވެ.

Read more...

"އަޅުގަނޑައް ވުރެ ޤާބިލް ބޭފުޅެއް ނުހުންނާނެ

>> Wednesday, September 24, 2008

މިދައްކަނީ އަޅުގަނޑުގެ ވާހަކައެއް ނޫނެއެވެ. މިދައްކަނީ މޭކަރާލާފައި އަޅުގަނޑެއްވުރެ ޤާބިލްބޭފުޅެއް ނުހުންނާނެކަން ދަންނަވަމުންދ ޒައީމެއްގެ ވާހަކައެވެ. މިދައްކަނީ ދިވެހި ރައްޔިތުންގެ ހައްޤުތައް ތިރީސް އަހަރު ދުވަސް ވަންދެން އޮބި އަޅައިގެން ހިފެހެއްޓި ރައީސެއްގެ ވާހަކައެވެ. މިދައްކަނީ ހުދުމުހުތާރުކަން ރައްޔިތުންނަށް ދައްކަމުން ހާމަ ކުރަމުން ،ބިރު ދައްކަމުން ހޭވައްޓާލާފައި ކެންޕޭން ކުރަމުންދާ ޑީއާރުޕީގެ ޒައީމުގެ ވާހަކައެވެ. މިދައްކަނީ ޖައްވަށް ފަޒާއަށް ވަޒަން ތައް ފޮނުވާލި ކަމަށް ބުނަމުންދާ މައުމޫންގެ ވާހަކައެވެ. މަކަރާ ހީލަތް ހެދުމުގައި އެންމެ ކުޅަދާނަކަން ހުރީ މިދަންނަވާ މައުމޫނެވެ ރިޔާސީ ގޮތުން ދަންނަވާނަމަ ޒައީމެވެ. ބައެއް ގަމާރުންގެ ލޮބުވެތި ޒައީމެވެ. ފަހަކަސް އައިސް ސިޔާސީ މުފައްކިރުން ހާމަ ކުރައްވާ ގޮތުގައި މައުމޫންގެ ކުޅަދާނަކަމާއި ގޮތް ކުޑަކަން ވަނީ ދިވެހިން ތަހައްމަލު ކޮށްފައެވެ. މިގޮތުން މައުމޫނަކީ ހުދުމުހުތާރު ހަރާކާތް ހިންގުމުގައި ލާމަސީލް ބޭފުޅެކެވެ. އެކަމަށް އަރާހުންނެވި ޤާބިލު ބޭފުޅެކެވެ. " އަޅުގަނޑެއްވުރެ ޤާބިލު ބޭފުޅެއް ނުހުންނާނެ " ކަން ހާމަ ކުރައްވަނީ އެހެންވެގެންނެވެ. ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ޓަކައި ހިތްވަރު ގަދަ ދިވެހިން މަދަނީ ބަސްނޭހުމަކަށް ފައްކާވެ އޮތް ވަގުތުވެސް އަޅުގަނޑު ދުށީމެވެ. ހާއްސަ މަޖިލީހުގައި ވަގު ވަގަށް ވައްދާފައިވާ މެމްބަރުން އުނި ކުރުމަށް ގޮވާލަމުންދިޔަ މުޒާހަރާ އަޅުގަނޑު ދުށީމެވެ. އެދުވަހު ދިވެހިން ތިބީ ސުލުހަވެރި ކަމާއި އެކުގައެވެ. އެހެން ނަމަވެސް ކަމަށް ޤާބިލް ބޭފުޅާގެ އަމުރަކަށް އެތައް ދިވެއްސެއްގެ ހަށިން ލޭފޮދު އޮހޮރާލިއެވެ. އެޒަހަމްތައް ދިވެހިންގެ ހަށިން ފޮހިވެގެން އަދިނުދެއެވެ. އެދުވަހު ދިވެހިންތިބީ ޤާނޫނު އާސާސީގައި އޮތް އެއްވެ އުޅުމުގެ މާއްދާގެ ދަށުންނެވެ. ތެދެކެވެ. އިސްލާމީ ހުދޫދުގެ ބޭރުން ދިވެހިންގެ އާދަކާދަ ބަދަލު ކުރުމަށް ކުޅަދާނަ ބޭފުޅެކެވެ. ބިލެއްދަފިނަގަމުން މުޅިރާއްޖެ ކުޑަކުރަމުންދާ އިރު ހުދުމުހުތާރު ޒައީމުގެ އޯޑަރުތަކުން ވޭނާއި ތަހައްމަލު ކުރަމުންދާ އެތައް ދިވެހިންނެއް މިފަސްގަނޑުގައި އެބަތިއްބެއެވެ. ދައުލަތުގެ ދިދާގެ އަގަށް ވުރެ ޕާޓީގެ ދިދަ މަސްހޫރު ކުރުމަށް ޓަކައި ގޮތްގޮތަށް ވިހުރުވަން ޤާބިލުބޭފުޅެކެވެ. ނޫކަށިން ހިތްވަރު ނެރެމުންދާ އެތައް ޒުވާނުންގެ ލޭ ޖަލުތަކުގައި ޖަރީކޮށްދިން ކުޅަދާނަ ބޭފުޅެކެވެ. ގަދަ ފަސްއަހަރޭ އަޑު ހަރުކޮން ދަންނަވަމުންދާއިރު މީ ދިވެހިންގެ އުންމީދުތައް ފެނަށް ހަދާނެ ގަދަ ފަސް އަހަރުކަން ޔަޤީނެއެވެ. އާއުސްމިންތަކަކަށް އަނިޔާގެ ވަބާ މިފަސްގަނޑުގައި އާންމުކުރުމަށްޓަކައި އަތުކުރި އޮޅާލައިގެން ހުންނެވި ކެރޭ ބޭފުޅެކެވެ. ފުރިހަމަ ޔަޤީން ކަމާއިއެކު ގަމާރުންގެ ލޮބުވެތި ޒައީމް މައުމޫން ހާމަ ކުރަމުން އެގެންދަވަނީ އިތުރު އުސްމިންތަކަކަށް ކޮރަޕްސަން އާންމު ކުރުމުގެ ވައްޓަފާޅިއެވެ. އެބޭފުލާގެ މެނިފެސްޓޯއަކީ ދިވެހިން ނުދަންނަ މެނިފެސްޓޯއެއް ނޫނެއެވެ. އަބަދުވެސް ފަސްއަހަރުން އިތުރު ހިތްވަރެއް ލައިގެން ދިވެހިންނަށް އިތުރު އަނިޔާއެއް ރާއްވަމުން ގެންދާ ބޭފުޅެކެވެ. އާއިލާބޭފުޅުންނަށް ދައުލަތުގެ އިސްމަޤާމްތައް ދިނުމަށް ކެރޭ ބޭފުޅެކެވެ. އަތޮޅުތެރޭގައި ބިންގާތައް އަޅަމުން ދިވެހިން ސިކުނޑިއަށް ސަވާރުވަމުންދާ ޤާބިލް ބޭފުޅެކެވެ. ސިޔާސީ އެއްވުން ތަކުގައި ހިނިތުންވުމާއި އެކު ހާމަ ކުރަމުންދާ ޤާބިލުކަމަކީ މިއީއެވެ.

Read more...

ޕެޓިސަނުގައި ސޮއި ކުރީ ކީއްވެ



އަޅުގަނޑަކީ މީގެ ކުރިން ކަތީބު ދެވަނަ ފަހަރަށް ގެނައުމަށް ތާއިދުކޮށް ޕެޓިސަނުގައި ސޮއި ކުރި މީހެކީމެއެވެ. އަޅުގަނޑު އެއިރު ސޮއިކުރީ ރަހުމަތްތެރި ކުދިން ކޮޅެއް އެކަމުގައި އުޅުމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ބަދަލުގައެވެ. އަދި އެހެންމެ ޒުވާން ކަތީބެއްގެ ހިންގުންތެރިކަން ހަރުދަނާ ވާނެކަމުގެ އުންމީދުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ތިންއަހަރު ފާއިތުވެގެން ދަނީއެވެ. އެކިފަހަރުމަތިން އެކި އިރު ރައްޔިތުންނަށްޓަކައި ކޮށްދެނީ ކޮންކަމެއްތޯ ރަހުމަތްތެރި ކުދިންގާތު އަހައިގެން އޮޅުންފިލުވާ ހަދަމެއެވެ. ކޮންމެ ފަހަރަކުވެސް އެކުދިން ބުނަމުންދަނީ ޒުވާން ކަތީބެއްވިޔަސް ޒުވާނުންގެ އުންމީދު ފެނަށް ހަދައިފިކަމަށެވެ. މުސްކުޅިވެރިންގެ ހިތާ ކުޅެލަމުން އަންހެންވެރިންގެ ނާޒުކު ސިކުނޑިއާއި މަހަކު އެއްފަހަރު ކުޅެލާކަމަށް ހަބަރު ލިބެއެވެ. އެހެން ހަބަރު އިވުމުން އަލުގަނޑު ހީކުރީ ވަރަށް ރަނގަޅަށް ޕްރޮގުރާމް ރާއްވާ ހިންގާކަމަށެވެ. އެހެން ނަމަވެސް ދުވަސްކޮޅެއްގެ ފަހުން އަޑުއިވިގެން ދިޔައީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ހަވާލުވާނެ ފަރާތެއް ނެތްކަމުގެ ހިތާމަވެރި ހަބަރެއެވެ. މި ހަބަރު ލިބުމުން ވަރަށް ފިކުރު ކުރީމެއެވެ. ދުވަސްކޮޅެއްގެ ފަހުން އަނެއްކާވެސް އިވުނު އަޑަކީ ދީނީގޮތުން ހަމަނުޖެހުމަކަށް ވައިކަރަދޫ ވެއްޓިގެން ދިޔަ ހަބަރެއެވެ. ތެދުތެދަށް ދަންނަވާނަމަ އެ ތަހުޤީޤަކީ ފަހަކަށް އައިސް ވައިކަރަދޫގައި ކުރެވުނު އެންމެ ދުވަސްވީ ތަހުޤީގެއެވެ. ހަބަރުތައް ވަރަށް ގާތުން ބެލިބެލުމުން ހާމަވީ މި ތަހުޤީގުގައި ވައިކަރަދޫ ކަތީބު އިސްކޮން ހަރަކާތްތެރިވާ ކަމެއެވެ. މި ހަބަރު ލިބުމާއި އެކު ޕެޓިސަނުގައި ސޮއިކުރެވުނީމަ މޮޔަ ހީވިއެވެ. ކުއްލިއަކާ ހިތަށްއެރީ ބަޔަކު މީހުން ކަތީބު މަޤާމުން ވަކިކުރުމަށް އެދި ޕެޓިސަނެއް ހަދާނަމެއެވެ. ދުވަސްކޮޅެއްގެ ފަހުން އަނެއްކާވެސް ވައިކަރަދޫގެ މަސްރަހު ހޫނުވި ކަމުގެ ހަބަރު ލިބިގެން ދިޔައެވެ. މިފަހަރު ލިބުނު ހަބަރަކީ ރކ ކޮމެޓީގެ ދެމެމްބަރަކު ފުލުހުންނާއި ހަވާލުކުރެވުނު ހަބަރެއެވެ. ކުޑަކުއްޖަކާ ބެހިގެންނޭ ކިޔައިގެންނެއެވެ. އެންމެ ފަހުން ދެމެމްބަރުން ފުލުހުންނާއި ހަވާލު ކުރުމަށްފަހު ކަތީބު އުފަލުން އުޅުނުކަމުގެ ހިތާމަވެރި ހަބަރުވެސް ލިބުނެއެވެ. ކުއްލިއަކާ ހިތަށް އެރީ ކަތީބު ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމުގެ ބަދަލުގައި ބަދަލު ހިފުމުގެ އާދަކާދައެއް ފަތުރާކަމަށެވެ. ވީވެސް އެހެންނެވެ. ތަފާތު މަރުހަލާތަކުގައި ބަދަލު ހިފޭތޯ ގަދައަޅާ މަސައްކަތް ކުރާ މަންޒަރު ފެނިގެން ދިޔައެވެ. މިހިސާބުން އަޅުގަނޑު ނިންމީ ވައިކަރަދޫ ކަތީބު އިބުރާހިމް ވަހީދަކީ މަކަރުވެރި ވެރިއެއްގެ ގޮތުގައެވެ. މިހެން ހިތަށް އަރައަރާ ހުއްޓާ ކުއްލިއަކާ އަތަށް އެރީ ކަތީބު މަޤާމުން ވަކި ކުރުމަށް އެދި ހަދާފައިވާ ޕެޓިސަނެކެވެ. ވަރަށް އުފާވިއެވެ. ޕެޓިސަން ހެދުމަށް އިސްކޮން އުޅުނު ކުދިންނަށް ފަށްފަށުން ސުކުރު ދަންނަވަމެއެވެ. އަޅުގަނޑު ޕެޓިސަނުގައި ސޮއި ކުރުމަށް ބެލިބެލުމުގައި ވަރަށް ގިނަ ޒުވާނުން ޕެޓިސަނުގައި ސޮއި ކޮށްފައިވާ ކަމަށް ފާހަގަ ކުރެއެވެ. މި ކަމުން ދޭހަވަނީ ޒުވާނުން އެދޭފަދަ ގޮތަކަށް ކަތީބަށް ވެރިކަން ނުކުރެވުނު ކަމެއެވެ. ޒުވާނުންގެ އުންމީދުތަކަށް ފުރަގަސް ދިން ކަމެއެވެ. ކަތީބު ދެވަނަ ފަހަރަށް އަނބުރާ ގެނައުމަށް އިސްކޮން އުޅުނު ކުދިންގެ ގުރޫޕަށް ނުހަނު ފައިދާތަކެއް ކޮށްފަވާކަމަށް ފާހަގަ ކުރެވެއެވެ. މިގޮތުން ރަށުގައި ހުރި ސަރުކާރު ދާއިރާތަކުގައި މިދެންނެވި ގުރޫޕްގެ ކުދިންނަށް ވަޒީފާ ހޯދައިދިނުމުގައި ކަތީބު އިސްރޯލެއް ކުޅުއްވިކަމަށް ފާހަގަ ކުރެވެ. މިގޮތުން ރަށުއޮފީހަށް ބަލާލުމުން ހާމަވެއެވެ. އަދި އެހެންމެ ސިއްޙީ މަރުކަޒަށް ބެލިބެލުމުގައި ހާމަވެއެވެ. އަދި އެހެންމެ ހދ އަތޮޅުމަދަރުސާއަށް ނަޒަރު ހިންގާލުމުން ވަރަށް ފަސޭހައިން ހާމަވިއެވެ. އަދި އެހެންމެ ޕެޓިސަން ކުރިއަށް ގެންދިޔަ ކުލަބަށް ކަތީބު ކުޅެމުން ދިޔަ މަންޒަރުވެސް އަޅުގަނޑަށް ފެނިފަވެއެވެ. މިކަމުން ދޭހަވަނީ އާއިލާ ބޭފުޅުންނަށް ނުހަނު ފައިދާހުރި ކަންތައްތައް ނިންމަވާފަވާކަމަށް ބުނާބުނުން ޤަބޫލުކުރުމެވެ. ވައިކަރަދޫގެ ތަރައްޤީގެ މަސްރަހަށް ބަލާއިރު ވޭތިދިޔަ ތިން އަހަރުގައި އެއްވެސް ކަމެއްކޮށްފައިވާ ކަމަކަށް ފެންނާކަށްނެތެވެ. ފެންނަން ހުރީ މުޅިންވެސް ދޯދިޔާކަމުން ކަންކަން ބޮއްސުންލާފައި ހުރިކަމެއެވެ. މިގޮތުން ބަނދަރު ކޮމެޓީއެއް އެކުލަވައި ލެވިފައިވާކަމަށް ހަބަރު ލިބުނެއެވެ. އެހެން ނަމަވެސް ޖުމްލަ 20 މެމްބަރުން އެކުލެވިގެންވާ ބަނދަރު ކޮމެޓީގެ އެއްވެސް ހަރަކާތެއް ހިންގާފައި ނުވެއެވެ. ތިން އަހަރު ފާއިތުވެގެން ދާއިރު ރައްޔިތުންނާއި ބައްދަލު ކޮށްފައިވަނީ ޖުމްލަ ދެފަހަރުކަމަށް ރަހުމަތްތެރިން ބުނަމުން ދިޔައެވެ. ރައްޔިތުންގެ ހިޔާލަކީ ކޮބައިތޯ ރައްޔިތުންގެ ވިންދަކީ ކޮބައިތޯ ބެލުމަކީ ވެރިންގެ ޒިންމާއެކެވެ. މަހު މުސާރަ ލިބެޔޭ ހިތާ އޮފީހަށް ނުކުތަސް ނުފުދޭނެއެވެ. ރައްޔިތުން މިއަދު ތިބީ ނުހަނު މާޔޫސްކަންމަތީގައެވެ. މުސްތަޤްބަލުގައި ރަށުގައި ކުރާނީ ކޮން ކަމެއްތޯ ބަލަބަލައެވެ. އިޤްސާދީގޮތުން މިއަދު ވައިކަރަދޫވަނީ ވަރަށް ދަށުދަރަޖަ އެއްގައެވެ. ޒުވާން ކަތީބުން އިދާރީ ހިންގުމުގައި އުޅޭކަމުގެ ހަބަރު ލިބުމުން ވަރަށް އުފާކުރީމެއެވެ. ނަމަވެސް ޒުވާން ކަތީބުންގެ ފަންނީ ހިޔާލުތަކަށް ކަތީބު އިބުރާހިމް ވަހީދު ފުރަގަސް ދޭ ވާހަކަ އަޑު އިވުމުން ކަރުނަ އަޅާ ރޮވުނެއެވެ. ރަށުގެ މުސްތަޤްބަލަށް އެދޭ މީހަކު ނަމަ ހިތާމަ ކުރާނެއެވެ. ޅަދަރިން އުންމީދުތަކާ މެދު ފިކުރު ކުރާ ބެލެނިވެރިއެއް ނަމަ ފުންކޮން ވިސްނާނެއެވެ. އަތުން ފައިން ކަމެއް ނުކުރެއޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. ނިކަން ވިސްނަވާ ލައްވާށެވެ. މިއަދު ރައްޔިތުންނަށް އަޅާ ނުލާ ޒުވާނުންގެ އުންމީދުތައް ފެނަށް ހަދާނަމަ ކިތައްމެ ޕެޓިސަނެއް ހަދައިގެން އުޅޭ މަންޒަރު ފެންނާނެއެވެ. މަކަރާ ހީލަތް ހަދާ ވެރިންނަށް ދުވަހަކުވެސް ތާއިދެއް ނުކުރާނަމެއެވެ. ދޮގު ހަދާ އޮޅުވާލަ ބޮލުން ކަޓުވާލަން މަސައްކަތް ކުރާ ވެރިންނަކަށް އިހުތިރާމެއް ނުކުރާނަމެއެވެ. މީހަކު ވާހަކަ ދައްކާލިޔަސް ރުޅިގަދަވާ ކަތީބާ ގުޅުން ބޭއްވުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ފަރުވާ ކުޑަ ކަތީބެއް ވަޒީފާއިން ވަކި ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަމެއެވެ. ކުލަބު ޖަމިއްޔާތަކަށް އަޅާނުލާ ދުރުދުރުން އުޅޭ ކަތީބުން ބޭއްލުމަށް އަޅުގަނޑު ގަދައަޅާ މަސައްކަތް ކުރާނަމެއެވެ. އަދި އެހެންމެ ރަށުގެ ހާލަތު ގޯސްވަމުންދާ ކޮންމެ ހިނދެއްގައި ރަށުން ބޭރަށް ދާ ކަތީބުންނަށް ދުވަހަކުވެސް ތާއިދެއް ނުކުރާނަމެވެ. އަދި އެހެންމެ ފިރިން ދުރުގައި އުޅުމުގެ ސަބަބުން އެކަނިކަން އިހުސާސް ކުރާ އަނބިން ގާތަށް ގޮސް އުފާ ހާސިލުކުރާ ކަތީބުން ބޭއްލުމަށް ހަދާ ކޮންމެ ޕެޓިސަނެއްގައި އަޅުގަނޑު ސޮއި ކުރާނަމެވެ. މިހާރު މިއީ ރަހުމަތްތެރިން ބުނާ ބުނުމަށް ސޮއި ކުރާ ޒަމާނެއް ނޫނެއެވެ. އަދި އެހެންމެ މަކަރުވެރި ހީލަތްތެރި ފަރުވާ ކުޑަ އަދި އެހެންމެ ދޯދިޔާ ވެރިކަމެއް ހިންގާ ވެރިއަކު ނަގާ ކޮޅަށް ޖަހާ ދުވަހެއްނޫނެއެވެ. ކަތީބު އިބުރާހިމް ވަހީދު ވަޒީފާއިން ވަކިކުރުމަށް ހަދާ ކޮންމެ ޕެޓިސަނެއްގައި އަޅުގަނޑު ކެރިހުރެގެން ސޮއި ކުރާނަމެވެ. ކަތީބު ވެރިކަމުން ދުރުކުރުމަށް ޕެޓިސަނުގައި އަޅުގަނޑު ސޮއި ކުރީ މިދެންނެވި ކަންތައް ހުރުމުންނެއެވެ.


ނޯޓް : މިލިއުމަކީ ކިއުންތެރިއަކު ފޮނުވާފައިވާ ލިއުމެކެވެ.

Read more...

ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް

>> Monday, September 22, 2008

އެކި ކަން ކަމުގައި ލީޑަރުންގެ ގޮތުގައި މަސްއޫލިއްޔަތު އަދާކުރާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ވަރަށް ގިނައެވެ. އަދި ސަރުތުތައް ގިނައެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ މީހުން ދައްކާ ވާހަކަތައް ކަނުލާ އަޑުއެހުމެވެ. ދެވަނަ ކަމަކީ ރުޅި މަޑުކުރުމެއެވެ. ތިންވަނަ ކަމަކީ އިންސާފަށް ލޯބިކުރުމެއެވެ. ތިމާއާއި ބެހޭ ގޮތުން ވާހަކައެއް ފެތުރިގެން ދިޔަ ނަމަވެސް އެކަމާ ގުޅިގެން ރައްދު ދިނުމީ ރަނގަޅު އުސޫލެއް ނޫނެއެވެ. ކޮންމެ ލީޑަރެއްވެސް ވިސްނަންވީ އިސްނަގައިގެން ކަން ކަމުގައި އުޅޭނަމަ ތަފާތު ވާހަކަތައް ފަތުރާނެކަމެއެވެ. ކޮންމެ ވާހަކައެއް ފެތުރިގެން ދާހިނދު ތިންހަމައަށް ގޮސްގެން ހައްލުކުރުމަކީ އެންމެ މޮޅުގޮތެއް ނޫނެއެވެ. މީހަކު ތިމާ ގާތުގައި ވާހަކައެއް ދައްކާ ހިނދު ދައްކާ ވާހަކައަކީ މުޅިން ގޯހެއްކަން ނިންމުމަކީ ރަނގަޅު އުސޫލެއްނޫނެއެވެ. ކަމެއް ގޯސްވީކަން ނިންމަން ޖެހޭނީ ދުރާލާ ހެޔޮވިސްނުން ބޭނުން ކޮށްގެންނެއެވެ. ގުއި ޒުވާބު ކޮށްގެން ބަޔަކު މީހުން ހައްލާގެން ކަމަކާ އެއްބަސް ކުރުމަކީ ރަނގަޅު ގޮތެއްނޫނެއެވެ. މުއައްސަސާއަކުން ކަމެއް ނިންމާ ހިނދު ލީޑަރަކަށް ހުންނަ ބޭފުޅުންނަށް އެކަމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ނުފެންނަ ކަމުގައިވާނަމަ އެކަމަކަށް ކުނި މޫނު ހެދުމީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ނޫނެއެވެ. އެއީ ރަނގަޅު ގޮތެއްނޫނެއެވެ. ތިމާ ހިޔާލާ ތަފާތު ގޮތަކަށް ކަމެއް ނިމުމުން އެކަމާ ނުރުހުން ފާޅުކޮށް އެކަންތައް ކުރިޔަ ނުދީ ދަތި ކުރުމުގެ ފިޔަވަޅު އެޅުމީ ލީޑަރުންގެ ގޮތެއްނޫނެއެވެ. ލީޑަރުންގެ ގޮތުގައި ނަގާކިޔާ ބޭފުޅުން ގެ ހިޔާލާ ތަފާތު ވާކަންކަމުގައި ޖަމާއަތުގެ އަޤުލިބިއްޔަތަށް ވިސްނަން ޖެހޭނެއެވެ. ކިޔަމަން ވާން ޖެހޭނެއެވެ. މިވެނި ކަމެއް ނިމުނީ ތިމަންނަ ބޭނުންވާ ގޮތަކަށް ނޫނޭ ހިތާ ދުރުދުރުން އުޅުމީ މާ އެދެވޭ ގޮތެއް ނޫނެއެވެ. އަދި އެހެންމެ ރަނގަޅު ވިސްނުމެއްނޫނެއެވެ. ލީޑަރަކަށް ވާން ބޭނުންނަމަ ހަމަހަމަ ކަމާއި އިންސާފަށް ލޯބި ކުރަން ޖެހޭނެއެވެ. އަދި އެހެންމެ މުޖުތަމަޢުގެ ހާލަތަކީ ކޮބައިތޯ ދިރާސާ ކުރެވެން ޖެހޭނެއެވެ. މިހާރަކަށް އައިސް ތަފާތު މަރުހަލަތަކުގައި ތަފާތު ލީޑަރުން ތަމްސީލްވެގެން އެބަދެއެވެ. މިގޮތުން އެކި ކަހަލަ ޕެޓިސަން ތަކާ ގުޅިގެންނާއި ތަފާތު ޕާޓީތަކުގެ ލެވެލްގައިވެސް ލީޑަރުން ފެންނަމުންދެއެވެ. އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުމީ ވަރަށް ރަނގަޅު އުސޫލެކެވެ. އަދި އެހެންމެ ޖަމާޢަތަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމެކެވެ. އެހެން ނަމަވެސް ތިމާ ހަވާލު ކުރެވޭ ކަން ކަމުގައި ހަމަ އެކަނި ތިމާގެ ވިސްނުން ބެހެއްޓުމަކީ އިންސާފުވެރި ގޮތެއްނޫނެއެވެ. ލީޑަރުންގެ ގޮތުގައި މަސްއޫލިއްޔަތު އަދާ ކުރަމުންދާނަމަ އެންމެ ނިކަމެތި މީހާގެ ބަސްވެސް އަހަން ޖެހޭނެއެވެ. އަދި އެހެންމެ ހަބަރެއް ލިބުމުން ސަޕޯރޓް ހޯދުމުގެ ބޭނުމުގައި ތަފާތު މަރުހަލާތަކުގައި ވާހަކަ ވިހާ މީހަކަށް ވެގެން ނުވާނެއެވެ. މުޖުތަމަޢުއަށް އަންނަ ކޮންމެ ލޮޅުމެއްގައި ސާބިތުކަންމަތީ ދެމިހުރުމީ ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭ އެންމެ ރިވެތިގޮތެއެވެ. ރަނގަޅުގޮތެއެވެ. އަޅުގަނޑުމެން އެދެނީ ވައިކަރަދޫގައި ލީޑަރުންގެ ގޮތުގައި މަސްއޫލިއްޔަތު އަދާ ކުރައްވާ ފަރާތް ތަކުން މިފަދަ ކަން ކަމަށް ސަމާލުކަން ދިނުމެއެވެ.

Read more...

ޕާޓީ ގޮފިތަކުގެ ބޭނުމަކީ ކޮބާ

ވައިކަރަދޫގައި އެކި ޕާޓީތަކުގެ ގޮފިތައް އެކުލަވައި ލާފަވެއެވެ. މިގޮތުން އަދާލަތު ޕާޓީގެ ގޮތްޕަކާއި ޑީއާރުޕީ ގެ ގޮތްޕަކާއި އެމްޑީޕީ ގެ ގޮފި ހިމެނެއެވެ. ކޮންމެ ބަޔަކުވެސް ގޮފި ހެދުމުގެ މައިގަނޑު ބޭނުމަކީ ޕާޓީއަށް ކުރިއެރުން ހޯދާދިނުން ކަންނޭނގެއެވެ. އެހެން ނަމަވެސް ރަށްފުށުގައި އުފައްދާފައިވާ ގޮފިތަކުގެ ބޭނުމަކީ އެފަދަ ބޭނުމަކަށް ވެގެން ނުވާނެއެވެ. ރަށްފުށުގައި އުފައްދާފައިވާ ގޮފިތަކުގެ ބޭނުމަކަށް ވާން ޖެހޭނީ ރަށަށް ފައިދާ ހުރި ކަންކަން ޕާޓީގެ ލެވެލުން ކުރުމެއެވެ. ޕާޓީގެ ގޮތްޕެއް ނަމަ ރަށަށް ފައިދާ ކުރާނެ ކަންކަމާމެދު ވަކާލާތު ކޮށްގެން ރައްޔިތުންނަށް މަންފާތަކެއް ވޭތޯ ހިންމަތާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. ގޮފިތަކަކީ ޕާޓީއަށްޓަކައި ސޮއި ހޯދަން ޖެހޭ ބަޔަކަށް ވެގެން ނުވާނެއެވެ. ރަށުގެ އާންމު މަސްލަހަތު ގެއްލިގެން ދާނަމަ އެކަމާ އަޅާ ނުލާ ހުރުމީ ގޮފިތަކު އަސާސަކަށް ވެގެން ނުވާނެއެވެ. ވެރިން ހިޔާނާތްތެރިވެ ރައްޔިތުންގެ މުދަލަށް ހިތަށް އެރި ގޮތެއް ހަދާނަމަ އެކަން ހަރުކަށި ބަހުން ކުއްވެރި ކުރުމުގެ ބަދަލުގައި އެކަމާ ބެހޭގޮތުން އަމަލުން ދެއްކުމީ ގޮފިތަކުގެ މަސްއޫލިއްޔަތަކަށް ވާންޖެހެއެވެ. އަދި އެހެންމެ ރަށުގެ އިޖުތިމާއީ ހާލަތު ގޯސްވެގެން ދާނަމަ އެކަން ހައްލު ކުރުމުގެ ގޮތުން ފިޔަވަޅު އެޅުމީ ގޮފިތަކުގެ ޒިންމާއެކެވެ. ވައްކަމާއި މާރާމާރީ ގިނަވެ އާންމު ފަރުދުންނަށް ގެއްލުންތަކެއް ވާނަމަ ފުރަތަމަ އެކަމާއި ބެހޭގޮތުން އަވަސް ފިޔަވަޅެއް އަޅާގެން ހައްލެއް ގެނެވޭތޯ ބެލުމީ ގޮފިތަކުގެ މައިގަނޑު ބޭނުމަކަށް ވާންޖެހޭނެއެވެ. ސަރުކާރު މުއައްސަސާތަކުން ރައްޔިތުންނަށް ފައިދާވާ ކަމެއް ކުރޭތޯ ނުކުރޭތޯ ބަލާ ޗެކު
ކުރުމީ ގޮފިތަކުގެ މަސްއޫލިއްޔަތެކެވެ. ގޮފީގައި މީހުން މަދޭ ހިތާ އެހެން ގޮފިތަކުން މީހުން އުނި ކުރުމަށް އަރުވާ ޖަހައިގެން އުޅުމީ ބޭއިންސާފު ކަމެކެވެ. ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަންވީ ޖަމާޢަތުގެ ފައިދާއަށެވެ.
ތަނުގެ މަސްލަހަތު ޤާއިމު ކުރުމީ ގޮފިތަކުގެ އެންމެ މުހިއްމު ރުކުނެއެވެ. ގޮފި ހަދައިގެން މަހަކު އެއްފަހަރު ޖަލްސާއެއް ބޭއްވުމަކީ އިންސާފަކަށް ނުވާނެއެވެ. އަމިއްލަ އެދުން ބޮޑުކޮށްގެން ގޮފިތައް ހިންގުމީ ލިބޭ ކުރިއެރުމެއް ނޫނެއެވެ. ރަށުގެ ކަން ކަމާއި މެދު ފުރަތަމަ ވިސްނަން ޖެހޭ މުއައްސަސާއަކީ ޕާޓީތަކުގެ ގޮފިތަކެއެވެ. ސިޔާސީ ޕާޓީގެ ގޮތްޕެކޭ ހިތާ އިޖުތިމާޢީ މައްސަލަ ތަކާ ނުބެހި ރެކިގެން އުޅުމީ މުހިއްމު ކަމެއްނޫނެއެވެ. ރައްޔިތުންނަށް ފައިދާ ހުރި ކަން ކަން ނުނިންމާ ނަމަ ގޮފިތައް ހިންގުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ރައްޔިތުންގެ އަސާސީ ކަން ކަމާމެދު ހިޔާލެއް ފިކުރެއް ނުކުރާނަމަ ގޮފިތަކުގެ ބޭނުމަކީ ކޮބައިތޯ ގޮފިތަކުގައި ނަގާކިޔަން ތިއްބަވާ ވެރިން ބުނެދެއްވާށެއެވެ. ކަމެއްވާއިރަ ނޫސްބަޔާނެއް ނެރެ ރައްޔިތުންގެ ސަމާލުކަން ހޯދުމީ ކުރި އެރުމަކަށް ނުވާނެއެވެ. ތިމަންނަމެން ކަންބޮޑުކަން ފާޅުކުރަމޭ ހަރުކަށިބަހުން ކުށްވެރި ކުރިޔަސް ކަމަކު ނުދާނެއެވެ. ކުށްވެރި ކުރާނަމަ އަމަލުން ވެސް އެކަން ދައްކަން ޖެހޭނެއެވެ. ހަރުކަށި ބަހުން ކުއްވެރި ކުރުމުގެ ބަދަލުގައި ގޮފީގެ ފަރާތުން ކުރެވެން އޮތީ ކޮންކަމެއްތޯ ބަލާފައި އެކަމަކާ މެދު ފިޔަވަޅު އެޅުމީ އެދެވިގެންވާ ކަމެކެވެ. އެހެން ނޫނިއްޔާ ގޮފިތަކުގެ ބޭނުމެއްނެތެއެވެ. ރައްޔިތުންގެ ކެކުޅުންތަކައި މެދު ނުވިސްނަވާ ނަމަ ގޮފިތަކުގެ މުހިއްމު ކަމެއްނެތެއެވެ. ރަށުގެ ވެރިން ރަށާއި މެދު ކުރާ އުންމީދަކީ ކޮބައިތޯ އޮޅުންފިލުވުމަކީ ގޮފިތަކުގެ ބޭނުމަކަށް ވާންޖެހޭނެއެވެ. އެހެން ނޫންނަމަ ނަމަކަށް ގޮފި ހަދައިގެން އުޅުމުގެ ބޭނުމެއް ނެތެއެވެ.

Read more...

ލާދީނީ ވެރިޔާ މައުމޫނު، މުނާފިޤުކަމުގައި ހައްދު ފަހަނަ އަޅާފަ ހުރި ނުބައި ޖައްބާރެއް

ޑީއާރުޕީގެ ޒައީމް އަދި މި ރާއްޖޭން އިސްލާމްދީން ނައްތާލާ، ލާދީނީ އޮޔެވަރު ފަތުރަން މަސައްކަތްކުރި ނުބައި ޖައްބާރުވެރިޔާ މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމު އިންތިހާބުގައި ފޭލިވެދާނެކަން ޔަޤީންވެ، ކިޔޭނުކިޔޭއެއް ނޭނގި މިހާރު މިކިޔަނީ ކޮން ލަވައެއްތޯ ބަލާލަން އެބަޖެހެއެވެ. މައްޗަންގޮޅީ ރައްޔުންނާއި ބައްދަލުކުރައްވުމަސް މިދިޔަ ބުރާސްފަތިދުވަހު އަހްމަދިއްޔާ ސުކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ޑީއާޕީގެ ރިޔާސީ ކެނޑިޑޭޓް މައުމޫނުއަބްދުލްޤައްޔޫން ވިދާޅުވީ މި ފަހަރު ބޭއްވޭ ރިޔާސީ އިންތިހާބަކީ ވާދަވެރި އިންތިހާބެއް ނޫންކަމަށެވެ. މައުމޫނު ވިދާޅުވީ މިފަހަރު ބާއްވާ އިންތިހާބަކީ ރާއްޖޭގައި އޮންނާނީ އިސްލާމްދީންތޯ ނުވަތަ ނޫންތޯ ކަނޑައަޅާ އިންތިހާބެއްކަމަށެވެ.
ވޯޓް ލުމުގެ ކުރިން ވިސްނަވާށެވެ. މައުމޫނަކީ ލާދީނީ އޮޔެވަރު ފެތުރުމުގެ ފުރުޞަތު ހުޅުވައިދިނުމުގެ ބައްޕައެވެ. މަސްތުވާތަކެތީގެ ބައްޕައެވެ. ޒިނޭ އާންމުކޮށް ފާހިސް ޢަމަލުތައް ފެތުރުމަށް މަސާޖްޕާލާތައް ހުޅުވައިދިނުމަށް މަގުކޮށްޑަވައިދިން ބައްޕައެވެ. ދިވެހިންނަށް އަނިޔާވެރިވި ބައްޕައެވެ. ގައުމުގެ ބަފާކަމަށް ދައުވާ ކުރާ މި ޖައްބާރު މައުމޫނަށް ރާއްޖޭގެ ވެރިކްނަ ލިބިއްޖެނަމަ ، ދެންވެސް މިގަމުދާނީ ދީނާދުރައް، ފަސާދަވަމުން ހަލާކުވަމުންނެވެ. ފާއިތުވި 30 އަހަރު ތެރޭ ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކުކޮށް، ފުނޑުފުޑުކުރި ގޮތަށް، ކުރިއަށް އޮތް ފަސް އަހަރުތެރޭ އެކަން ކުރުމަށް ދެން މައުމޫނަށް ފުރުޞަތު ނުދެއްވާށެވެ.
މައުމޫނަކީ މީހުންނާ މުޤާބަލާ ކުރައްވަން ކެރިވަޑައިނުގަންނަވާ ފިނޑި ބޭފުޅެކެވެ. މަންޒަރުގެ ފަހަތުގައި ހުންނަވައިގެން ޑްރާމާކުޅުއްވާ ސްޓާރެކެވެ. ރައްޔިތުންގެ ބައިތުލްމާލު ތިމާގެ ބޭކަލުންނަށާއި ހިތުރުހުރިހާ ބަޔަކަށް ދެއްވާ ދަވައިލެއްވި ޚާއިނެކެވެ. ޤާނޫނު އަސާސީގެ ބާރު ކަނޑުވާލެއްވި ބާޣީއެކެވެ، ކުށެއް ނެތް ރައްޔިތުންގެ ދަރީންތަކެއްގެ ގަޔަށް ބަޑިޖެހި ހަމައެކަނި ޖައްލާދެވެ. ޤައުމުގެ ވަލީވެރިއާގެ މަޤާމުގައި ހުންނަވައިގެން ތިރީސް އަހަރު ޤައުމުގެ ވިއްސިވިހާލިކޮށްލެއްވި އަނިޔާވެރިޔާއެވެ. ދޮގުހެދުމާއި މަކަރާއި ޙީލަތް ހެއްދެވުމުގައި ދެވަނައެއް ނެތް ނަމޫނާއެކެވެ. އެހެންމީހުންނަށް އެއްޗެހިގޮވައި ދޮގުވާހަކަތައް ހަދައި ފެތުރުމަކީ ނުބައި ކަމެއް ކަމަށްބުނެ އަޑު އުފުއްލެވައި، ފާސިޤަކަށް ވެވަޑައިގެން ހުންނަވައިގެން، ފާސިޤުން ގެންނަހާ ވާހަކަ ޤަބޫލު ނުކުރުމަށް ގޮވާލައްވަމުންދަނީ މިފާސިޤު ވެރިޔާއެވެ. ޤާނޫނާ ޤަވާޢިދާ ޚިލާފަށް ސުންނަތް ޖަމާޢަތުގެ މީހަކަށް ނޫނީ މިޤައުމުގެ ރައީސްކަން ނުކުރެވޭނޭ ކަމުގައި ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ(ށ) ގައި އޮތް އިރުގައި ވެސް އެޝަރުޠު ތިމާގެ ކިބައިގައި ފުރިހަމަ ނުވާ ޙާލު ރައްޔިތުންނަށް އޮޅުވާލައްވައިގެން ޤާނޫނު އަސާސީގައި އަތްޕުޅު އަޅުއްވައިގެން އުޅުއްވާ ޚާއިނެކެވެ.
މައުމޫނެވެ. ތިޔައީ ބޮޑު އަނިޔާވެރިއެއް ނޫންތޯއެވެ؟ ފޭރިގަތީ ކިތައްމީހުންގެ ގެދޮރުކަން ހަނދު އެބަ ހުންނެވިތޯއެވެ؟ ބޭއިންސާފުން އަނިޔާ ދެއްވީ ކިތައްމީހުންނަށް ތޯއެވެ؟ ދިވެހީންގެ ލޭ ހިއްޕަވައިގެން އެލެއިން ތިމާގެ ހެދުންކޮޅު ކަޅި ކުރައްވައިގެން ދީންދެކެ މާ ލޯތްބެއް ކުރައްވާ ކަމަށް ދިވެހިންނަށް ދައްކަވައިގެން އުޅުއްވިއެއް ކަމަކު މައުމޫނަކަ އެއްކަލަ ޙިޖާޒު ކަރައަށް ޤުރައިޝުވަންހައިގެ މީހުންނަށް ހުތްދޭން އައި ނަޖުދުކަރައިގެ މީހާފަދަ ބޭފުޅެއްކަން މިހާރު ނުދަންނަ ދިވެއްސަކު މިދިވެހި ދީބުގައި ނެތެވެ. އަބަދު އަބަދުހެން ކަށްވަޅާއި ނަރަކައާއި ޢަޛާބުގެ ވާހަކަ ނުދެއްކުމަށް އަންގަވަ އަންގަވާ ތިރީސް އަހަރު ވަންދެން ތިޔަ އުޅުއްވީ ބަލަ އެކަންކަން ނާންނާނެ ކަމަށް ހީފުޅު ކުރައްވަނީތޯއެވެ؟ އެއީ ހަމަ ޔަޤީނުން ޔަޤީން ކަމެކެވެ. ފިއްލަވައިގެނެއް ނޫޅުއްވޭނެއެވެ. ތިޔަ ގަނޑުވަރާއި ފޯސް ކިތަންމެ ވަރުގަދަ ވިއަސް އެއީ ހަމަ ސުމެކެވެ. އީރާނުގެ ޝާހުގެ ޝެހެންޝާހިއްޔަތާ އަޅާބަލާއިރު ތިޔައީ ޖާހާއި ބާރާއި އާރުގެ ހަމަ ތިއްކެކެވެ. އޭނާއަށް ނިމިގެންދިޔަ ގޮތުގެ ކުޑަނަމަވެސް ޢިބްރަތެއް އަޅެ ޙާޞިލްކުރެއްވުން ކީއްތޯއެވެ؟
އަޑުއައްސަވާށެވެ. ދީން ގަތީވެސް، ދީން ވިއްކާލީ ވެސް ދީން އޮޅުވާލީވެސް ދީން ބަދަލު ކުރީވެސް، ދީނީ މީހުންނަށް އަނިޔާ ދިނީވެސް، ޢިލްމުވެރިންގެ ތުބުޅިތައް ބޭލީވެސް، މުސްލިމް އަންހެނުންގެ އަބުރު ގެއްލުވާލީ ވެސް އެހެންބައެއް ނޫނެވެ. މިރާއްޖޭގައި އެހެން ވިއްކާނެ ދީނެއް މަނިކުފާނު ބާއްވަވައިފިތޯއެވެ؟ އިނގިރޭސިވިލާތު ބޮޑު ފާދިރީގެ ކުރިމަތީގައި ގުދަށް އޮންނަވައިގެން ޖީސީއެމްސީގެ ސަލީބުކޮޅު ކަރުފުޅުގައި އެޅުއްވިއިރު މިރާއްޖޭން ދެއްވަން އެއްބަސްވެ ވަޑައިގަތީ ކޮން އެއްޗެއް ތޯއެވެ؟ ރާއްޖޭގައި އޮތް އިސްލާމް ދީން ނޫންތޯއެވެ؟ ދެން އެހެން ބަޔަކު ވިއްކާނެ ދީނެއް މަނިކުފާނު މިރާއްޖެއަށް ދޫކުރައްވައިފީމުތޯއެވެ؟ މިއީ ދިވެހީން ނުދައްނަ ކަމެއްނޫނެވެ.
އެހެންކަމުން މައުމޫނު ބުނާގޮތުން ރާއްޖޭގައި އޮންނަނީ އިސްލާމްތޯ، ނޫންތޯ ބަލާ ވޯޓުގައި މިވަރުގެ ނުބައި ޖައްބާރަކަށް ވޯޓު ދީގެން ރާއްޖޭގައި އޮންނީ ވަކި ކޮންދީނެއްތޯއެވެ؟ މައުމޫނުގެ ވެރިކަމަށް "ނޫނެކޭ" ބުނަންވީ މިހެންވެއެވެ.

މި ލިޔުމުގައި ޢަދާލަތުޕާޓީން މައުމޫނު އަބްދުލްޤައްޔޫމަށް ދީފައިވާ ރައްދުގެ ބައެއް ހިމަނާފައިވާނެއެވެ.

( ނޯޓް: މިލިޔުމަކީ hussainzabeer.blogspot.comއިން ނަގާފައިވާ ލިޔުމެކެވެ.)

Read more...

މުޖުތަމަޢުގެ މަސްލަހަތު ވަރަށް މުހިއްމެވެ.

މީހަކަށް ޖެއްސުން ކުރުމުގެ ގޮތުން މީހެއްގެ މުދަލަށް ގެއްލުން ދިނުމާއި ޖާނާއި މާލަށް ގެއްލުން ދިނުމަކީ މިއަދު މި މުޖުތަމައުގައި ހިނގަމުންދާ ހަޑި މުޑުދާރު އަމަލެކެވެ. ފަރުދުންގެ އަމިއްލަ މިލިކިއްޔާތަށް ގޯނާކޮށް ގެއްލުން ދޭނަމަ އެކަމަކީ ހަމަ އެކަނި އެމީހަކަށް ގެއްލުން ވާ ކަމެއް ނޫނެއެވެ. އެކަމަކީ މުޅި މުޖުތަމައު އަށް ގެއްލުން ވާފަދަ ކަމެކެވެ. މުޖުތަމައުއެއް ކުރިއަށް ދާނީ ތަނުގެ އާންމު މަސްލަހަތު ޤާއިމު ކުރެވިގެން ނެއެވެ. މަސްލަހަތު ޤާއިމު ކުރުމުގައި ވެރިންނާއި ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެއެވެ. ވެރިއެއް ނަމަ އާންމު މަސްލަހަތު ގެއްލިދާނެ ކަން ކަމުގައި ފަރުދުން ހޭލުންތެރި ކުރުމަކީ ވެރިންގެ ޒިންމާއެކެވެ. ރައްޔިތުން ހިންގާ އެކި އެކި މަސްރޫޢު ތަކަށް ލިބޭ ގެއްލުންތަކުގައި އެހީތެރިކަން ފޯރު ކޮށްދެން ޖެހޭނެއެވެ. މިއީ ރައްޔިތުންގެ ހައްޤުގައި ކުރަން ޖެހޭނެ ކަމެކެވެ. މިކަމަކި ތިމާ ކުރަން ނުވާ ކަމެކޭ ހިތާ ދުރުދުރުން އުޅުމަކީ މުޖުތަމަޢުގެ މަސްލަހަތު ގެއްލިގެން ދިއުމުގެ މައިގަނޑު ސަބަބެއެވެ. ފަހުގެ ތާރީހުތަކަށް ބަލާއިރު ތަފާތު މައްސަލަތައް ފެން މަތިވެފަވެއެވެ. މީގެ ތެރެއިން ވަށްކަމުގެ ބާވަތާއި މުދަލަށް ގެއްލުން ދިނުމާއި ، ސިޔާސީ މައްސަލަތަކާއި ދީނީ ހަމަ ނުޖެހުންތައް ފަހަކަށް އައިސް ރައްޔިތުންގެ ސަމާލުކަމަށް އައިސްފަވެއެވެ. މީގެ ތެރެއިން ބައެއްކަހަލަ މައްސަލަތަކަކީ ބައެއްގެ ނުފޫޒުން ކޮށްފައިވާ ހަޑި މުޑުދާރު އަމަލުތަކެކެވެ. މިހެން ވުމުގެ ސަބަބުން މައްސަލައިގެ ބާވަތުން ތަހުޤީޤީ މަރުހަލާގައި ކުރި އެރުން އައުމުގެ ބަދަލުގައި ގެއްލުންތަކާ ކުރިމަތި ލާން ޖެހެއެވެ. މިފަދަ އުސޫލުން ތަހުޤީޤް ކުރަމުން ދިއުމުގެ ބަދަލުގައި ދާނަމަ ވެރިންގެ ކިބައިގައި ދޯޅަހިކަން ފެނިގެން ދެއެވެ. މިމުޖުތަމައުގައި ވިޔާނުދާ އަމަލުތައް ތަކުރާރު ވަމުން ދިއުމުގެ މައިގަނޑު ސަބަބަކީ ތަހުޤީޤީ މަރުހަލާގައި ފަރުވާ ކުޑަ ކުރުމެއެވެ. ކޮންމެ މައްސަލައެއް ވެސް ވަކި ހިސާބަކުން ފަށާފައި މެދުކެނޑިގެން ދިއުމެއެވެ. މިހެން ވުމުގެ ސަބަބުން ކުށް ކުރާ ކުށްވެރިންނަށް އިތުރު ހިތްވަރެއް ލިބިގެން ދެއެވެ. އަދި އެހެންމެ އާއިލާތަކުގައި ނަސްލީ އިމްތިޔާޒް ފާޅުވެގެން ދެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުއްލި ސިހުމާއި ނަފުސާނީ ބިރުވެރިކަމުގެ ތެރެއަށް ގެއްލިގެން ދެއެވެ. މިފަދަ ހަޑިމުޑުދާރު އަމަލުތަކުން މި މުޖުތަމައު ސަލާމަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެކެވެ. އަދި އެހެންމެ ވެރިން ވެސް މިފަދަ ކަން ކަމުގައި ފަރުވާ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާއިލާ ބޭފުޅެއް ހުށަހަޅާ މައްސަލައެއް ނަމަ ހަލުވި ކަމާއި އެކު ތަހުޤީޤް ކުރުމަކީ އިންސާފަކަށް ބެލިގެން ނުވާނެއެވެ. ބައެއް މުއްސަސާތަކުން ބާއްވާ ޖަލްސާތަކާއި ބައެއް ޕާޓީތަކުން ކުރިއަށް ގެންދާ ޕްރޮގުރާމް ތަކަށް ހުރަސް އެޅޭފަދަ އަމަލުތައް ހިންގާ ފަރުދުންވެސް މިކަމުގައި ހިއްސާވާ ކަމަށް ފާހަގަ ކުރެވެ. މީހަކު ކަމަކުން ކުރިއަށް ދާނަމަ އެމީހަކަށް ގެއްލުންދީގެން އާމްދަނީ އަށް ހުރަސް އެޅޭފަދަ ކަންތައްތައް ކުރުމަކީ ވަރަށް ބޭއިންސާފު އަމަލެކެވެ. ކޮންމެ މީހަކު ވިޔަސް ދާއިރާއަކުން ކުރިއަށް ދާނަމަ އެއީ ހަމަ ކޮންމެ އަފުރާދަކަށް ލިބޭ ކުރިއެރުމެކެވެ. މިފަދަ ވިޔާ ނުދާ ހިޔާލުތަކުން މި މުޖުތަމަޢު ސަލާމަތް ކުރުމަކީ މިއަދުގެ ވެރިންނާއި ރައްޔިތުން ގޫޅި ލާމެހިގެން ކުރަން ޖެހިފައިވާ ކަމެކެވެ. އަޅުގަނޑުމެން ޅަޖީލަށް ރަނގަޅު މުޖުތަމައެއް ދެއްކޭނީ މިފަދަ ބޭއަދަބީ ހަޑި މުޑުދާރު އަމަލު ތަކުން މިންޖު ކުރެވިގެންނެއެވެ. މިކަން ހައްލުކުރުމަށް ޕާޓީތަކާއި އެކި މުއައްސަސާ ތަކާއި ކުލަބު ޖަމިއްޔާތަކުން ވަރަށް މުހިއްމު ރޯލެއް އަދާ ކުރެވިދާނެއެވެ. ތަފާތު ބާވަތުގެ ހޭލުންތެރި ކުރުވާ ޕްރޮގުރާމްތައް ހިންގުމާއި ދީނީގޮތުން މުޖުތަމައު ހޭލުންތެރިކުރުން ހިމެނެއެވެ. މުޖުތަމަޢު ބިނާއެއް ކުރުމަކީ ތިމަންނަ ކަމެއް ނޫނޭ ހިތާ ރެކެން މަސައްކަތް ނުކުރައްވާށެވެ. ކޮންމެ ބޭފުޅެއްވެސް އިންސާފަށް ލޯބި ކުރައްވާށެވެ. ތަނުގެ ހަމަ ޖެހުމަށްށާއި ތަނުގެ އެއްބައިވަންތަކަމަށް ލޯބި ކުރައްވާށެވެ. ކޮންމެ ކަމެއްގައި ޒާތީ ވުމުގެ ބަދަލުގައި ކޮންމެ މީހަކީވެސް އަނެކަކާ އަށް އަޅާލެވޭނެ މީހަކަށް ވަމާ ހިންގަވާށެވެ.


Read more...

ފަންސާސް ހާސް ރުފިޔާއިން ކަމެއް ނުކުރަނީ ކީއްވެ؟

މިދިޔަ އަހަރުގެ އެޕްރީލްމަހު ހދ އަތޮޅުކޮމެޓީގެ ފަރާތުން 50000 ( ފަންސާސް ހާސް ) ރުފިޔާ ވަނީ ހަދިޔާއެއްގެ ގޮތުގައި ދެއްވާފައެވެ. އެހެންނަމަވެސް ވަކި ސަރުތުތަކާއި ލައިގެންނެއެވެ. އެސަރުތަކީ އެފައިސާ އެއް އަހަރުތެރޭގައި ބޭނުން ކުރުމެއެވެ. އަދި އެހެންމެ ހަރަދު ކުރަންޖެހޭ އުސޫލެއްވެސް ކަނޑައަޅާފައި ވެއެވެ. މިގޮތުން ކަނޑައަޅަފައިވާ އުސޫލަކީ އިޖްތިމާއީގޮތުންނާއި ތަރައްޤީގެ ގޮތުން ހިންގާ މަސްރޫޢުތަކަށް ފައިސާ ހަރަދު ކުރުމެއެވެ. ފައިސާ ދެއްވި އުސޫލުތަކައި ބޭނުންތައް ވަރަށް ރަނގަޅެއެވެ. އެހެން ނަމަވެސް މިހާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރުވެސް އެފައިސާ އެކި ކަންކަމަށް ހަރަދު ނުކުރަނީ ކީއްވެގެންތޯއެވެ. ނިކަން ބައްލާވާށެވެ. މިދަންނަވާ ފައިސާ ލިބުނުފަހުން ކުނި އަޅާ ސަރަހައްދެއް ވަނީ ހަދާފައެއެވެ. މި ސަރަހައްދަށް ކޮށްފައި އޮތީ ކޮން ހަރަދެއްތޯއެވެ. އެންމެ ކުޑަވެގެން ތަން ނޮޅާ ސާފުކޮށްފައިވަނީ ވެސް އެހެން ބަޔެކެވެ. މިތަނަށް ހަރަދު ކޮށްގެން ގޮނޑެއް ހަދާދިނުމަށް ވެރިން ކިބައިގައި ހިޔާލު ހުންނަނަމަ މިއަދު ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތި ވެގެން ނުދާނެއެވެ. މިއަށްވުރެ ކުދި އާބާދީ ވާ ރަށްރަށުގައި ފެންވަރު ރަނގަޅު ކުނިއަޅާ ސަރަހައްދު ޤާއިމު ކޮށްފައިވެއެވެ. އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލަކީ ކޮބައިތޯއެވެ. ފައިސާ އެބަހުއްޓެއެވެ. މަސައްކަތް ކުރާނެ ރައްޔިތުން އެބަ ތިއްބެއެވެ. ދެން މިކަން ނުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ. ބަޔަކު އުނދަގޫތަކެއް ކުރިމަތި ކުރުވަނީތޯއެވެ. އުނދަގޫތަކެއް ކުރިމަތި ވަނީކީއްނޫނެއެވެ. ހުރިހާވެސް މައްސަލައަކީ ރައްޔިތުން ލައްވާ މަސައްކަތް ކުރާނެ ވެރިން ނެތުމެއެވެ. ރައްޔިތުން ދެކެ ލޯބިނުވުމެވެ. އަޅާނުލުމެވެ. ފަރުވާ ކުޑަކުރުމެވެ. ބަސް ޤަބޫލު ނުކުރުމެވެ. ކުރިއެރުމަށް ފުރަގަސްދިނުމެއެވެ. މިހުރިހާ ކަމެއް އެކުލެވިގެން ވާއިރު މިފައިސާއިން ރައްޔިތުންނަށް މަންފާއެއް ވާނެކަމާއި މެދު ސައްކެއެވެ. ވިޔަސްވާނީ ގެއްލުމެއެވެ. ގެއްލުމޭ މިދެންނެވީ ފައިސާ ބޭނުން ނުކުރާނަމަ ދެން އަލަކުން ފައިސާއެއް ނުދޭނެކަން އަތޮޅުއޮފީހުން ދަންނަވާފައި ވާތީއެވެ. އެހެންވީމާ މިއިކީ ދެރަ ނުވާނެ ސަބަބެއްނޫނެއެވެ. ގިނަފަހަރު ރައްޔިތުންގެ މިލްކިއްޔާތަށް ފައިސަކޮޅެއް ލިބެނީ މިދިލި ގަހެއް ނޫނިއްޔާ ފުނަގަހެއް ވިއްކައިގެންނެވެ. މިގޮތަށް ހިލޭ ސާބަހަށް ލިބޭ ފައިސާތައް ވީހާވެސް އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ފައިދާވާ ގޮތަކަށްހަރަދު ކުރުމީ ވަރަށް މުހިއްމުކަމެކެވެ. ތިޖުރީގައި އެހެން ނޫނިއްޔާ އެކައުންޓްގައި ޖަމާ ކުރުމަކުން މަންފާއެއް ހާސިލެއްނުވާނެއެވެ. އަޅުގަނޑު އެދެނީ ވީހާވެސް އަވަސް ފުރުސަތެއްގައި 50000 ރުފިޔާ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ހުސްކޮށްލުމެއެވެ. ރައްޔިތުން ބޭނުންވެފައިވާ ކަންކަމަށް ހަރަދުކުރުމެއެވެ.

Read more...

މީހުން ލައްވާ މަސައްކަތް ކުރުވާފައި ފައިސާ ނުދޭ މައްސަލަތައް ގިނަވަނީ

މިހާރަކަށް އައިސް ދުވަހު މުސާރައަށްށާއި މަހު މުސާރައަށް މަސައްކަތް ކުރައްވާ ފަރާތް ތަކަށް މުސާރަ ނުލިބުމުގެ މައްސަލައަކީ، ސިޔާސީ ފެންޑާތަކުންނާއި އެކި އެކި މާލަމް ތަކުގައި، އެންމެ ގަދައަށް ދެކެމުންދާ އެއްވާހަކައެވެ. އެއީ މުޅިއެކުން ގޯސް ވާހަކަތަކެއް ނޫނެއެވެ. ދެކެވޭ ވާހަކަ ތަކަށް ބަލާއިރު މަސައްކަތް ހަވާލު ކުރައްވާ ފަރާތް ތަކުން ހަވާލު ކުރެވޭ މަސައްކަތް ބަރާބަރަށް ދުވަހަށް ނިންމައެެވެ. އެހެން ނަމަވެސް މަސައްކަތް ނިންމާ ދުވަހުން ފެށިގެން މަހެއްހާ ދުވަސް ފާއިތުވެގެން ދާއިރުވެސް ފައިސާ ކޮޅު ނުލިބި ލަސްވެގެން ދިއުމީ ވަރަށް ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން އެތައް އާއިލާތަކަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ގޭ ތެރޭގައި ކުރަން ޖެހޭ އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދަން އުދަގޫވުން މިކަމުގައި ހިމެނެއެވެ. ގިނަ ފަހަރަށް މަސައްކަތް ހަވާލު ކޮށްފައިވަނީ ތަކެތި ހަމަކުރުމަށްފަހު މަސައްކަތް ކުރައްވާ ފަރާތް ތަކަށް ދޭން ޖެހޭ ފައިސާ ކޮޅު ހަމަ ނުކޮށެވެ. މަސައްކަތް ނިންމާފައި ލިބެން ޖެހޭ ފައިސާ ކޮޅާ ބެހޭގޮތުން ސުވާލު ކޮށްލުމުން ދެއްވާ ޖަވާބަކީ " ފައިސާ ކޮޅު ލިބުމުގައި ދުވަސް ކޮޅެއް ނަގާނެ" މިހެންނެއެވެ. އެތައް ދާތަކެއް އޮހޮރައިގެން ބުރަ މަސައްކަތްތަކެއް ކުރުމަށް ފަހު ފައިސާ ލިބުން ލަސްވެގެން ދިއުމީ މުޖުތަމައުގެ ފުއްދުންތެރިކަމަށް ލޮޅުންތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ. އަދި އެހެންމެ ކުދި ވިޔަފާރި ކުރައްވާ ފަރާތަކަށް މިކަމުގެ އަސަރު ކުރާނެއެވެ. މިކަމަކީ ސަމާލުކަން ނުދީ އަދި އެހެންމެ ހަރުކަށި އުސޫލުތަކެއް ޤާއިމު ނުކުރާނަމަ "ފައިސާ ނުދީ މަސައްކަތް ކުރުމުގެ އާދަ ކާދަ" މުޖުތަމަޢުގައި އަށަގަނެގެން ދާނެކަމެކެވެ. އެހެން ކަމުން މިކަމަށް ހައްލެއް ހޯދުމީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފެނެއެވެ. މިގޮތުން މަސައްކަތް ހަވާލު ކުރާ ފަރާތާއި މަސައްކަތް ކުރާ ފަރާތްތަކާއި ދެމެދު އެއްބަސް ވުމެއް ހެދުމީ ވަރަށް ރަނގަޅުކަމެކެވެ. މުސާރަ ދެވޭނެ ދުވަހެއް ކަނޑަ އެޅުމާއި މަސައްކަތް ނިމޭނެ ދުވަހެއް ކަނޑަ އެޅުމީ ވަރަށް ރަނގަޅު ފާލެކެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ދަރަންޏަށް ފައިސާ ނެގުމަށް ފަހު ފައިސާ ނުދިނުމާއި ، ފިހާރަތަކުން ދަރަންޏަށް މުދާ ނެގުމަށް ފަހު ފައިސާ ނުދައްކާ ގިނަ ދުވަސް ތަކެއް ވަންދެން ލަސްކުރުމީ ވެސް މިފަދަ ބޭއަދަބީ އަމަލު ތަކުގެތެރޭގައި ހިމެނޭ ކަންކަމެއެވެ. މިފަދަ ކަންކަމަށް ފަރުދުން ހޭލުންތެރި ކުރުމަކީ މިވަގުތައް ކުރަން ޖެހިފައިވާ ކަމެކެވ


މަސައްކަތް ކުރާ ފަރާތާއި މަސައްކަތް ހަވަލު ކުރާ ފަރާތާއި ދެމެދު އެއްބަސް ވުމެއް ނުހަދާ އޮތުމުގެ ސަބަބުން ތަހުޤީޤީ މަރުހަލާގައި ގެއްލުން ތަކެއް ކުރިމަތިވެގެން ދެއެވެ. ކުރި މަސައްކަތަކީ ބޭކާރު ކަމެއްގެ ގޮތުގައި ނިމިގެން ދެއެވެ. މިކަމާ ގުޅުންހުރި ތަފާތު މައްސަލަތައް ފެންމަތިވެއެވެ. އާއިލީ ހަމަ ނުޖެހުމާއި ފަރުދުންގެ ގުޅުން ހީނަރުވެގެން ދިއުން ހިމެނެއެވެ. އަދި އެހެންމެ ގުރޫޕްތައް ހަދައިގެން ގުޅޭ ލީޑަރުންނަށް ވެސް " ހިޔާނާތް" ގެ އަތް ދިއްކުރަންޖެހެއެވެ. ބައެއް ފަހަރު ގުރޫޕް ލީޑަރަށް ކުރި މަސައްކަތުގެ އަގު ހަވާލު ކުރުމުން ކުދިންނަށް ނުދީ ލީޑަރގެ އަމިއްލަ ބޭނުންތައް ފުއްދަމުންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. އިސްލާހު ކުރެވުނު އަސާސީގައި ބަޔާން ކޮށްފައިވާ ފަރުދުންގެ ހައްޤުތަކަށް ބަލައިރު މިފަދަ ކަންކަމަށް ގާތްތިމާ ވެގެން ބަހެއް ނުބުނެ ހުރުމީ ހަމަ ތިމާއަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ތިމާ ލައްވާ މަސައްކަތް ކުރުވާފައި ފައިސާ ކޮޅު ނުދޭ ހާލުގައި، ހަނު ހުރުމުން ލިބޭނެ މަންފާއެއްނެތެއެވެ. މަޑުން ހުރުމުގެ ބޭނުމެއް ނެތެވެ.

Read more...

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP