ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަންނަވާ"

>> Thursday, September 25, 2008


މީގެ ހަތަރު އަހަރުގެ ކުރިއެވެ. ޖުމުހޫރީ ޕާރކްގައި ގިނައަދަދެއްގެ ދިވެހިން ، އެއްވެ މިތިބީ ސަރުކާރުން ދެމުންދާ އަނިޔާތަކާއި ކުރަންޖެހޭ ތަހައްމަލުތައް ގިނަކަމުން ސުޢޫރު ފާޅުކުރުމަށްށެވެ. ޤާނޫނު އަސާސީގައި ލިބިދީފައިވާ ހައްޤުގެ ތެރެއިންނެވެ. އެއްވި މީހުންގެ ނިސްބަތަށް ބަލާއިރު ހާހުން ގުނާލެވޭނެއެވެ. ކޮންމެ މީހަކުވެސް ގޮވަމުންދިޔައީ އެމީހަކަށް ދިމާވެފައިވާ ވޭނީ ތަހައްމަލުތަކުގެ ވާހަކައެވެ. އެކި އަޑުން އެކި ދުލުން އިއްވަމުން ދިޔައެވެ. މަޑުމައިތިރިކަމާއި ސުލްހަވެރިކަމާއި އެކުގައެވެ. ބައެއް ކުދިން ގޮވަމުންދިޔައީ ސިޔާސީ ކުއްވެރިން ޖަލުތަކުން މިނިވަން ކުރުމަށެވެ. އަނެއްބަޔަކު ގޮވަމުން ދިޔައީ މިހާރުގެ ރައީސް މައުމޫން މަޤާމުން އިސްތިއުފާ ދިނުމަށެވެ. އެއެްވެ ތިބި މީހުންގެ މޫނުމަތިން ކުލަވަމުންދަނީ މަދަނީ ބަސްނޭހުމުގެ މިނިވަން ކަން ލިބިގެން އުޅޭ ކަމުގެ ކުލަވަރުތަކެވެ. ހެމުންނާއި އުފަލުންނާއި ބައެއް ފަހަރު ރޮމުންވެސް އެމީހެއްގެ ހިޔާލާއި ފިކުރު އިއްވަމުންދިޔައެވެ. އެއީ އުފާވެރިކަމާއި ހިތާމަވެރިކަން އިހުސާސް ކުރެވުނު ދުވަހެކެވެ. އެއީ ކަޅުހުކުރު ކަމަށް ފަހަކަށް އައިސް ނިސްބަތް ކުރާ އޮގަސްޓް ބާރައެވެ. އަޅުގަނޑުވެސް ޖުމުހޫރީ މައިދާނަށް ދިޔައީމެވެ. އަޅުގަނޑު ހަމަ ކޮސްވިއެވެ. ސިފައިންގެ ބާރާއި ނުފޫޒްގެ މަތިން ހަދާން ނައްތާލައިގެން ހުރެ އެމީހެއްގެ ސުޢޫރު ފާޅުކުރަމުން ގެންދިޔައީމައެވެ. އަޅުގަނޑަށް އެކަހަލަ މަންޒަރެއް ފާޑަކަށް މީގެ އެތަކެއް އަހަރުގެ ކުރިން ފެނުނެވެ. އެއީ 3 ނޮވެމްބަރ ޢުދުވާނީ ހަމަލާއި ގުޅިގެން ވައިކަރަދޫ ކުރީގެ ރަށުއޮފީހު ދޮރުމަތީގައި ލުތުފީމެން ސަގަރު ނާސިރުމެންގެ ފޮޓޯ ކުރަހައިގެން އެއްވެގެން ސުޢޫރު ފާޅުކުރި ދުވަހެވެ. މިދުވަހާއި ކަޅުހުކުރާ ވަރަށް ތަފާތެވެ. 3 ނޮވެމްބަރ ޢުދުވާނީ ހަމަލާއި ގުޅިގެން އެއްވި އެއްވުމަކީ ސަރުކާރުން ދަންނަވާގެން ކަތީބު އިސްނަންގަވައިގެން ދުރާލަ ކުރި މަދަނީ ބަސްނޭހުމެކެވެ. އޮގަސްޓް ބާރަތޭރަ އަކީ ފަހަކަށް އައިސް ދިވެހިން އޮބިއަޅައިގެން ހިފަހައްޓަމުން ގެންދިޔަ ހިޔާލުތައް ބަންޑުންލި ދުވަހެވެ. ބަންޑުން ކޮށްލި އެތަކެއް ދިވެހިންގެ ކެކުޅުންތަކަށް ހުރަސް އެޅުމަށް ރައްޔިތުންގެ ތެރެއިން ބަސްވިކޭ މީހަކު ހުއްޓާ ހުދު އަޅުގަނޑު ދުށީމެވެ. މިއަދު އެބޭފުޅާއަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ހައްޤެއް ހޯދުމަށް ބާރުލާ ފައި ހަރުގަންނަވާފައި ކެންޕޭން ކުރަމުންދާ ބޭފުޅެކެވެ. އެއީ ކަޅުހުކުރުގެ އެއްވުން ބޭއްވުނު މައިދާނުގެ ނަމުން ސިޔާސީވެގެން ހުންނެވި ޤާސިމް އިބުރާހިމެވެ. ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެވެ. އެބޭފުޅާ އެދުވަހުން މެގުފޯނަކުން ގޮވަމުން ގެންދިޔައީ " ކޮންމެ ބޭފުޅެއްވެސް ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަންނަވާށެވެ" މިހެންނެވެ. ތަކުރާރުކޮން ގޮވިއެވެ. ޤާސިމަކަސް ކާސިމަކަސް ސުޢޫރު ފާޅުކުރުމުގެ މިނިވަން ކަމަކާއި ނުބެހެވޭނެވެ. ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަތުމަށް އިއްވޭނީވެސް ހަމަނުޖެހުމެއް ހިނގީމަތާއެވެ. އަޅުގަނޑުމެންގެ ހައްޤެއް ގަސްދުގައި ނިގުޅައިގަތުމަށް އަޑަށް ބާރުލައްވާފައި ވިދާޅުވި އިރު މިއަދު ޤާސިމް އަންނަން މިޖެހެނީ އަޅުގަނޑުމެން ގާތަށެވެ. އެދުވަހު އަޅުގަނޑުމެންނަށް ލިބުނު އުފާވެރިކަން ނިގުޅައި ގަތުމަށް ދެންނެވި ދެންނެވުން އަލުން އިޔާދަ ނުވާނެބާއެ ހިތަށް އަރައެވެ. ޤާނޫނު އިސްލާހުކުރީ ތިމަންނައޭ ވިދާޅުވަމުން ދާއިރު ބައެއްގެ ހައްޤު ގަސްދުގައި އޮބި އެޅުމަށްޓަކައި އިލްތިމާސް ކުރެއްވީ ކީއްވެގެންތޯއެވެ. މަޑުމައިތިރިކަމާއި އެކު އެއްވި އެތައްހާސް ދިވެހިންގެ ލޮލުން ކަރުނަ އޮހޮރާލިއެވެ. އެފަދަ ބޭފުޅެއް އެކަހަލަ ވާހަކައެއް ދަންނަވާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިޔެއް ނުކުރަމެވެ. އެކަމަކު އެދެއްކެވީތާއެވެ. އަޅުގަނޑުމެންގެ ގާތަށް ވޯޓް ހޯދުމުގެ ނިޔަތުގައި ވަޑައިނުގަންނަވާށެވެ. " ސުލްހަ ވެރިކަމާއި އެކު ގެއަށް ވަޑައިގަންނަވާށެ"އެވެ

0 comments:

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP