ޕެޓިސަނުގައި ސޮއި ކުރީ ކީއްވެ

>> Wednesday, September 24, 2008



އަޅުގަނޑަކީ މީގެ ކުރިން ކަތީބު ދެވަނަ ފަހަރަށް ގެނައުމަށް ތާއިދުކޮށް ޕެޓިސަނުގައި ސޮއި ކުރި މީހެކީމެއެވެ. އަޅުގަނޑު އެއިރު ސޮއިކުރީ ރަހުމަތްތެރި ކުދިން ކޮޅެއް އެކަމުގައި އުޅުމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ބަދަލުގައެވެ. އަދި އެހެންމެ ޒުވާން ކަތީބެއްގެ ހިންގުންތެރިކަން ހަރުދަނާ ވާނެކަމުގެ އުންމީދުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ތިންއަހަރު ފާއިތުވެގެން ދަނީއެވެ. އެކިފަހަރުމަތިން އެކި އިރު ރައްޔިތުންނަށްޓަކައި ކޮށްދެނީ ކޮންކަމެއްތޯ ރަހުމަތްތެރި ކުދިންގާތު އަހައިގެން އޮޅުންފިލުވާ ހަދަމެއެވެ. ކޮންމެ ފަހަރަކުވެސް އެކުދިން ބުނަމުންދަނީ ޒުވާން ކަތީބެއްވިޔަސް ޒުވާނުންގެ އުންމީދު ފެނަށް ހަދައިފިކަމަށެވެ. މުސްކުޅިވެރިންގެ ހިތާ ކުޅެލަމުން އަންހެންވެރިންގެ ނާޒުކު ސިކުނޑިއާއި މަހަކު އެއްފަހަރު ކުޅެލާކަމަށް ހަބަރު ލިބެއެވެ. އެހެން ހަބަރު އިވުމުން އަލުގަނޑު ހީކުރީ ވަރަށް ރަނގަޅަށް ޕްރޮގުރާމް ރާއްވާ ހިންގާކަމަށެވެ. އެހެން ނަމަވެސް ދުވަސްކޮޅެއްގެ ފަހުން އަޑުއިވިގެން ދިޔައީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ހަވާލުވާނެ ފަރާތެއް ނެތްކަމުގެ ހިތާމަވެރި ހަބަރެއެވެ. މި ހަބަރު ލިބުމުން ވަރަށް ފިކުރު ކުރީމެއެވެ. ދުވަސްކޮޅެއްގެ ފަހުން އަނެއްކާވެސް އިވުނު އަޑަކީ ދީނީގޮތުން ހަމަނުޖެހުމަކަށް ވައިކަރަދޫ ވެއްޓިގެން ދިޔަ ހަބަރެއެވެ. ތެދުތެދަށް ދަންނަވާނަމަ އެ ތަހުޤީޤަކީ ފަހަކަށް އައިސް ވައިކަރަދޫގައި ކުރެވުނު އެންމެ ދުވަސްވީ ތަހުޤީގެއެވެ. ހަބަރުތައް ވަރަށް ގާތުން ބެލިބެލުމުން ހާމަވީ މި ތަހުޤީގުގައި ވައިކަރަދޫ ކަތީބު އިސްކޮން ހަރަކާތްތެރިވާ ކަމެއެވެ. މި ހަބަރު ލިބުމާއި އެކު ޕެޓިސަނުގައި ސޮއިކުރެވުނީމަ މޮޔަ ހީވިއެވެ. ކުއްލިއަކާ ހިތަށްއެރީ ބަޔަކު މީހުން ކަތީބު މަޤާމުން ވަކިކުރުމަށް އެދި ޕެޓިސަނެއް ހަދާނަމެއެވެ. ދުވަސްކޮޅެއްގެ ފަހުން އަނެއްކާވެސް ވައިކަރަދޫގެ މަސްރަހު ހޫނުވި ކަމުގެ ހަބަރު ލިބިގެން ދިޔައެވެ. މިފަހަރު ލިބުނު ހަބަރަކީ ރކ ކޮމެޓީގެ ދެމެމްބަރަކު ފުލުހުންނާއި ހަވާލުކުރެވުނު ހަބަރެއެވެ. ކުޑަކުއްޖަކާ ބެހިގެންނޭ ކިޔައިގެންނެއެވެ. އެންމެ ފަހުން ދެމެމްބަރުން ފުލުހުންނާއި ހަވާލު ކުރުމަށްފަހު ކަތީބު އުފަލުން އުޅުނުކަމުގެ ހިތާމަވެރި ހަބަރުވެސް ލިބުނެއެވެ. ކުއްލިއަކާ ހިތަށް އެރީ ކަތީބު ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމުގެ ބަދަލުގައި ބަދަލު ހިފުމުގެ އާދަކާދައެއް ފަތުރާކަމަށެވެ. ވީވެސް އެހެންނެވެ. ތަފާތު މަރުހަލާތަކުގައި ބަދަލު ހިފޭތޯ ގަދައަޅާ މަސައްކަތް ކުރާ މަންޒަރު ފެނިގެން ދިޔައެވެ. މިހިސާބުން އަޅުގަނޑު ނިންމީ ވައިކަރަދޫ ކަތީބު އިބުރާހިމް ވަހީދަކީ މަކަރުވެރި ވެރިއެއްގެ ގޮތުގައެވެ. މިހެން ހިތަށް އަރައަރާ ހުއްޓާ ކުއްލިއަކާ އަތަށް އެރީ ކަތީބު މަޤާމުން ވަކި ކުރުމަށް އެދި ހަދާފައިވާ ޕެޓިސަނެކެވެ. ވަރަށް އުފާވިއެވެ. ޕެޓިސަން ހެދުމަށް އިސްކޮން އުޅުނު ކުދިންނަށް ފަށްފަށުން ސުކުރު ދަންނަވަމެއެވެ. އަޅުގަނޑު ޕެޓިސަނުގައި ސޮއި ކުރުމަށް ބެލިބެލުމުގައި ވަރަށް ގިނަ ޒުވާނުން ޕެޓިސަނުގައި ސޮއި ކޮށްފައިވާ ކަމަށް ފާހަގަ ކުރެއެވެ. މި ކަމުން ދޭހަވަނީ ޒުވާނުން އެދޭފަދަ ގޮތަކަށް ކަތީބަށް ވެރިކަން ނުކުރެވުނު ކަމެއެވެ. ޒުވާނުންގެ އުންމީދުތަކަށް ފުރަގަސް ދިން ކަމެއެވެ. ކަތީބު ދެވަނަ ފަހަރަށް އަނބުރާ ގެނައުމަށް އިސްކޮން އުޅުނު ކުދިންގެ ގުރޫޕަށް ނުހަނު ފައިދާތަކެއް ކޮށްފަވާކަމަށް ފާހަގަ ކުރެވެއެވެ. މިގޮތުން ރަށުގައި ހުރި ސަރުކާރު ދާއިރާތަކުގައި މިދެންނެވި ގުރޫޕްގެ ކުދިންނަށް ވަޒީފާ ހޯދައިދިނުމުގައި ކަތީބު އިސްރޯލެއް ކުޅުއްވިކަމަށް ފާހަގަ ކުރެވެ. މިގޮތުން ރަށުއޮފީހަށް ބަލާލުމުން ހާމަވެއެވެ. އަދި އެހެންމެ ސިއްޙީ މަރުކަޒަށް ބެލިބެލުމުގައި ހާމަވެއެވެ. އަދި އެހެންމެ ހދ އަތޮޅުމަދަރުސާއަށް ނަޒަރު ހިންގާލުމުން ވަރަށް ފަސޭހައިން ހާމަވިއެވެ. އަދި އެހެންމެ ޕެޓިސަން ކުރިއަށް ގެންދިޔަ ކުލަބަށް ކަތީބު ކުޅެމުން ދިޔަ މަންޒަރުވެސް އަޅުގަނޑަށް ފެނިފަވެއެވެ. މިކަމުން ދޭހަވަނީ އާއިލާ ބޭފުޅުންނަށް ނުހަނު ފައިދާހުރި ކަންތައްތައް ނިންމަވާފަވާކަމަށް ބުނާބުނުން ޤަބޫލުކުރުމެވެ. ވައިކަރަދޫގެ ތަރައްޤީގެ މަސްރަހަށް ބަލާއިރު ވޭތިދިޔަ ތިން އަހަރުގައި އެއްވެސް ކަމެއްކޮށްފައިވާ ކަމަކަށް ފެންނާކަށްނެތެވެ. ފެންނަން ހުރީ މުޅިންވެސް ދޯދިޔާކަމުން ކަންކަން ބޮއްސުންލާފައި ހުރިކަމެއެވެ. މިގޮތުން ބަނދަރު ކޮމެޓީއެއް އެކުލަވައި ލެވިފައިވާކަމަށް ހަބަރު ލިބުނެއެވެ. އެހެން ނަމަވެސް ޖުމްލަ 20 މެމްބަރުން އެކުލެވިގެންވާ ބަނދަރު ކޮމެޓީގެ އެއްވެސް ހަރަކާތެއް ހިންގާފައި ނުވެއެވެ. ތިން އަހަރު ފާއިތުވެގެން ދާއިރު ރައްޔިތުންނާއި ބައްދަލު ކޮށްފައިވަނީ ޖުމްލަ ދެފަހަރުކަމަށް ރަހުމަތްތެރިން ބުނަމުން ދިޔައެވެ. ރައްޔިތުންގެ ހިޔާލަކީ ކޮބައިތޯ ރައްޔިތުންގެ ވިންދަކީ ކޮބައިތޯ ބެލުމަކީ ވެރިންގެ ޒިންމާއެކެވެ. މަހު މުސާރަ ލިބެޔޭ ހިތާ އޮފީހަށް ނުކުތަސް ނުފުދޭނެއެވެ. ރައްޔިތުން މިއަދު ތިބީ ނުހަނު މާޔޫސްކަންމަތީގައެވެ. މުސްތަޤްބަލުގައި ރަށުގައި ކުރާނީ ކޮން ކަމެއްތޯ ބަލަބަލައެވެ. އިޤްސާދީގޮތުން މިއަދު ވައިކަރަދޫވަނީ ވަރަށް ދަށުދަރަޖަ އެއްގައެވެ. ޒުވާން ކަތީބުން އިދާރީ ހިންގުމުގައި އުޅޭކަމުގެ ހަބަރު ލިބުމުން ވަރަށް އުފާކުރީމެއެވެ. ނަމަވެސް ޒުވާން ކަތީބުންގެ ފަންނީ ހިޔާލުތަކަށް ކަތީބު އިބުރާހިމް ވަހީދު ފުރަގަސް ދޭ ވާހަކަ އަޑު އިވުމުން ކަރުނަ އަޅާ ރޮވުނެއެވެ. ރަށުގެ މުސްތަޤްބަލަށް އެދޭ މީހަކު ނަމަ ހިތާމަ ކުރާނެއެވެ. ޅަދަރިން އުންމީދުތަކާ މެދު ފިކުރު ކުރާ ބެލެނިވެރިއެއް ނަމަ ފުންކޮން ވިސްނާނެއެވެ. އަތުން ފައިން ކަމެއް ނުކުރެއޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ. ނިކަން ވިސްނަވާ ލައްވާށެވެ. މިއަދު ރައްޔިތުންނަށް އަޅާ ނުލާ ޒުވާނުންގެ އުންމީދުތައް ފެނަށް ހަދާނަމަ ކިތައްމެ ޕެޓިސަނެއް ހަދައިގެން އުޅޭ މަންޒަރު ފެންނާނެއެވެ. މަކަރާ ހީލަތް ހަދާ ވެރިންނަށް ދުވަހަކުވެސް ތާއިދެއް ނުކުރާނަމެއެވެ. ދޮގު ހަދާ އޮޅުވާލަ ބޮލުން ކަޓުވާލަން މަސައްކަތް ކުރާ ވެރިންނަކަށް އިހުތިރާމެއް ނުކުރާނަމެއެވެ. މީހަކު ވާހަކަ ދައްކާލިޔަސް ރުޅިގަދަވާ ކަތީބާ ގުޅުން ބޭއްވުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ފަރުވާ ކުޑަ ކަތީބެއް ވަޒީފާއިން ވަކި ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަމެއެވެ. ކުލަބު ޖަމިއްޔާތަކަށް އަޅާނުލާ ދުރުދުރުން އުޅޭ ކަތީބުން ބޭއްލުމަށް އަޅުގަނޑު ގަދައަޅާ މަސައްކަތް ކުރާނަމެއެވެ. އަދި އެހެންމެ ރަށުގެ ހާލަތު ގޯސްވަމުންދާ ކޮންމެ ހިނދެއްގައި ރަށުން ބޭރަށް ދާ ކަތީބުންނަށް ދުވަހަކުވެސް ތާއިދެއް ނުކުރާނަމެވެ. އަދި އެހެންމެ ފިރިން ދުރުގައި އުޅުމުގެ ސަބަބުން އެކަނިކަން އިހުސާސް ކުރާ އަނބިން ގާތަށް ގޮސް އުފާ ހާސިލުކުރާ ކަތީބުން ބޭއްލުމަށް ހަދާ ކޮންމެ ޕެޓިސަނެއްގައި އަޅުގަނޑު ސޮއި ކުރާނަމެވެ. މިހާރު މިއީ ރަހުމަތްތެރިން ބުނާ ބުނުމަށް ސޮއި ކުރާ ޒަމާނެއް ނޫނެއެވެ. އަދި އެހެންމެ މަކަރުވެރި ހީލަތްތެރި ފަރުވާ ކުޑަ އަދި އެހެންމެ ދޯދިޔާ ވެރިކަމެއް ހިންގާ ވެރިއަކު ނަގާ ކޮޅަށް ޖަހާ ދުވަހެއްނޫނެއެވެ. ކަތީބު އިބުރާހިމް ވަހީދު ވަޒީފާއިން ވަކިކުރުމަށް ހަދާ ކޮންމެ ޕެޓިސަނެއްގައި އަޅުގަނޑު ކެރިހުރެގެން ސޮއި ކުރާނަމެވެ. ކަތީބު ވެރިކަމުން ދުރުކުރުމަށް ޕެޓިސަނުގައި އަޅުގަނޑު ސޮއި ކުރީ މިދެންނެވި ކަންތައް ހުރުމުންނެއެވެ.


ނޯޓް : މިލިއުމަކީ ކިއުންތެރިއަކު ފޮނުވާފައިވާ ލިއުމެކެވެ.

0 comments:

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP