މުޖުތަމަޢުގެ މަސްލަހަތު ވަރަށް މުހިއްމެވެ.

>> Monday, September 22, 2008

މީހަކަށް ޖެއްސުން ކުރުމުގެ ގޮތުން މީހެއްގެ މުދަލަށް ގެއްލުން ދިނުމާއި ޖާނާއި މާލަށް ގެއްލުން ދިނުމަކީ މިއަދު މި މުޖުތަމައުގައި ހިނގަމުންދާ ހަޑި މުޑުދާރު އަމަލެކެވެ. ފަރުދުންގެ އަމިއްލަ މިލިކިއްޔާތަށް ގޯނާކޮށް ގެއްލުން ދޭނަމަ އެކަމަކީ ހަމަ އެކަނި އެމީހަކަށް ގެއްލުން ވާ ކަމެއް ނޫނެއެވެ. އެކަމަކީ މުޅި މުޖުތަމައު އަށް ގެއްލުން ވާފަދަ ކަމެކެވެ. މުޖުތަމައުއެއް ކުރިއަށް ދާނީ ތަނުގެ އާންމު މަސްލަހަތު ޤާއިމު ކުރެވިގެން ނެއެވެ. މަސްލަހަތު ޤާއިމު ކުރުމުގައި ވެރިންނާއި ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެއެވެ. ވެރިއެއް ނަމަ އާންމު މަސްލަހަތު ގެއްލިދާނެ ކަން ކަމުގައި ފަރުދުން ހޭލުންތެރި ކުރުމަކީ ވެރިންގެ ޒިންމާއެކެވެ. ރައްޔިތުން ހިންގާ އެކި އެކި މަސްރޫޢު ތަކަށް ލިބޭ ގެއްލުންތަކުގައި އެހީތެރިކަން ފޯރު ކޮށްދެން ޖެހޭނެއެވެ. މިއީ ރައްޔިތުންގެ ހައްޤުގައި ކުރަން ޖެހޭނެ ކަމެކެވެ. މިކަމަކި ތިމާ ކުރަން ނުވާ ކަމެކޭ ހިތާ ދުރުދުރުން އުޅުމަކީ މުޖުތަމަޢުގެ މަސްލަހަތު ގެއްލިގެން ދިއުމުގެ މައިގަނޑު ސަބަބެއެވެ. ފަހުގެ ތާރީހުތަކަށް ބަލާއިރު ތަފާތު މައްސަލަތައް ފެން މަތިވެފަވެއެވެ. މީގެ ތެރެއިން ވަށްކަމުގެ ބާވަތާއި މުދަލަށް ގެއްލުން ދިނުމާއި ، ސިޔާސީ މައްސަލަތަކާއި ދީނީ ހަމަ ނުޖެހުންތައް ފަހަކަށް އައިސް ރައްޔިތުންގެ ސަމާލުކަމަށް އައިސްފަވެއެވެ. މީގެ ތެރެއިން ބައެއްކަހަލަ މައްސަލަތަކަކީ ބައެއްގެ ނުފޫޒުން ކޮށްފައިވާ ހަޑި މުޑުދާރު އަމަލުތަކެކެވެ. މިހެން ވުމުގެ ސަބަބުން މައްސަލައިގެ ބާވަތުން ތަހުޤީޤީ މަރުހަލާގައި ކުރި އެރުން އައުމުގެ ބަދަލުގައި ގެއްލުންތަކާ ކުރިމަތި ލާން ޖެހެއެވެ. މިފަދަ އުސޫލުން ތަހުޤީޤް ކުރަމުން ދިއުމުގެ ބަދަލުގައި ދާނަމަ ވެރިންގެ ކިބައިގައި ދޯޅަހިކަން ފެނިގެން ދެއެވެ. މިމުޖުތަމައުގައި ވިޔާނުދާ އަމަލުތައް ތަކުރާރު ވަމުން ދިއުމުގެ މައިގަނޑު ސަބަބަކީ ތަހުޤީޤީ މަރުހަލާގައި ފަރުވާ ކުޑަ ކުރުމެއެވެ. ކޮންމެ މައްސަލައެއް ވެސް ވަކި ހިސާބަކުން ފަށާފައި މެދުކެނޑިގެން ދިއުމެއެވެ. މިހެން ވުމުގެ ސަބަބުން ކުށް ކުރާ ކުށްވެރިންނަށް އިތުރު ހިތްވަރެއް ލިބިގެން ދެއެވެ. އަދި އެހެންމެ އާއިލާތަކުގައި ނަސްލީ އިމްތިޔާޒް ފާޅުވެގެން ދެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުއްލި ސިހުމާއި ނަފުސާނީ ބިރުވެރިކަމުގެ ތެރެއަށް ގެއްލިގެން ދެއެވެ. މިފަދަ ހަޑިމުޑުދާރު އަމަލުތަކުން މި މުޖުތަމައު ސަލާމަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެކެވެ. އަދި އެހެންމެ ވެރިން ވެސް މިފަދަ ކަން ކަމުގައި ފަރުވާ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާއިލާ ބޭފުޅެއް ހުށަހަޅާ މައްސަލައެއް ނަމަ ހަލުވި ކަމާއި އެކު ތަހުޤީޤް ކުރުމަކީ އިންސާފަކަށް ބެލިގެން ނުވާނެއެވެ. ބައެއް މުއްސަސާތަކުން ބާއްވާ ޖަލްސާތަކާއި ބައެއް ޕާޓީތަކުން ކުރިއަށް ގެންދާ ޕްރޮގުރާމް ތަކަށް ހުރަސް އެޅޭފަދަ އަމަލުތައް ހިންގާ ފަރުދުންވެސް މިކަމުގައި ހިއްސާވާ ކަމަށް ފާހަގަ ކުރެވެ. މީހަކު ކަމަކުން ކުރިއަށް ދާނަމަ އެމީހަކަށް ގެއްލުންދީގެން އާމްދަނީ އަށް ހުރަސް އެޅޭފަދަ ކަންތައްތައް ކުރުމަކީ ވަރަށް ބޭއިންސާފު އަމަލެކެވެ. ކޮންމެ މީހަކު ވިޔަސް ދާއިރާއަކުން ކުރިއަށް ދާނަމަ އެއީ ހަމަ ކޮންމެ އަފުރާދަކަށް ލިބޭ ކުރިއެރުމެކެވެ. މިފަދަ ވިޔާ ނުދާ ހިޔާލުތަކުން މި މުޖުތަމަޢު ސަލާމަތް ކުރުމަކީ މިއަދުގެ ވެރިންނާއި ރައްޔިތުން ގޫޅި ލާމެހިގެން ކުރަން ޖެހިފައިވާ ކަމެކެވެ. އަޅުގަނޑުމެން ޅަޖީލަށް ރަނގަޅު މުޖުތަމައެއް ދެއްކޭނީ މިފަދަ ބޭއަދަބީ ހަޑި މުޑުދާރު އަމަލު ތަކުން މިންޖު ކުރެވިގެންނެއެވެ. މިކަން ހައްލުކުރުމަށް ޕާޓީތަކާއި އެކި މުއައްސަސާ ތަކާއި ކުލަބު ޖަމިއްޔާތަކުން ވަރަށް މުހިއްމު ރޯލެއް އަދާ ކުރެވިދާނެއެވެ. ތަފާތު ބާވަތުގެ ހޭލުންތެރި ކުރުވާ ޕްރޮގުރާމްތައް ހިންގުމާއި ދީނީގޮތުން މުޖުތަމައު ހޭލުންތެރިކުރުން ހިމެނެއެވެ. މުޖުތަމަޢު ބިނާއެއް ކުރުމަކީ ތިމަންނަ ކަމެއް ނޫނޭ ހިތާ ރެކެން މަސައްކަތް ނުކުރައްވާށެވެ. ކޮންމެ ބޭފުޅެއްވެސް އިންސާފަށް ލޯބި ކުރައްވާށެވެ. ތަނުގެ ހަމަ ޖެހުމަށްށާއި ތަނުގެ އެއްބައިވަންތަކަމަށް ލޯބި ކުރައްވާށެވެ. ކޮންމެ ކަމެއްގައި ޒާތީ ވުމުގެ ބަދަލުގައި ކޮންމެ މީހަކީވެސް އަނެކަކާ އަށް އަޅާލެވޭނެ މީހަކަށް ވަމާ ހިންގަވާށެވެ.


0 comments:

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP