ފެށުން

>> Thursday, September 25, 2008


ޗައިނާގެ ކިޔަވާކުދިން އެދުނީ ޗައިނާގައި އަދުލުވެރި، އިންސާފުވެރި ސަރުކާރުގެ ފައިސާގައި ނުޖެހި އިންސާނީ ހައްގުތަކަށް ލޯބިކުރާ، މަޤާމުގެ ގޮތުން ބާރުހޯދައި ނުފޫޒް ނުހިނގާ، ވެރިންނާއިއެކު ސަރުކާރު ހިންގުމެވެ. ޖާހިލްކަން ދޫކޮށް ތެދުމަގަށް ރުޖޫއަވުމަށެވެ. މިފަދަ މާތް މަޤްސަދެއްގައި ދެމި ތިބުމަށް ޓިއަނަމަން މައިދާނުގައި އެއްވެތިބި ކުދިން އެއްގަމުގެ ސިފައިންގެ 27 ވަނަ ޑިވިސަންގެ ޓޭންކްތަކުގެ ފުރޯޅުދަށުވެ، ވެއްޔާއި މަސްހުނިވެދިޔައޭ ބުނެވިދާނެއެވެ. މުޅިދުނިޔެ އެމަންޒަރުތަކަށް ހެކިދެނިކޮށެވެ. އަހަރަމެން އެއްމެންވެސް ކުރެވުނުހާ ކަމަކީ "ހާދަދެރައޭ" ކިޔަކިޔާތިބުމެވެ. ނަން މަސްހޫރު އެމެރިކާގެ ކުރީގެ ހާރިޖީވަޒީރެއް ކަމުގައިވާ ހެންރީކިސިންޖަރް އެދުވަހު ޓީވީގެ ޒަރީޢާއިން އިލްތިމާސްކުރީ ޗައިނާގެ ވެރިންނާއި މެދު ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ނައްތާލުމަށެވެ. މިއަޑު އަޅުގަނޑު އެހީމެވެ. ހިތުގައި ޖެހި ރޮމުންކަހަލަ ގޮތަކަށެވެ. ކިސިންޖަރް ކޮންމެ ސަބަބަކާއި ލައިގެން ނަމަވެސް އެބުނި އެއްޗަކާއި މެދު އަޅުގަނޑު ނަފްރަތު ކުރީމެވެ. ޗައިނާގެ ލީޑަރ ޑަންގް ސައިޕިންގް ދެކެ ރުޅި އާދެވުނެވެ. މިއަދު ރާއްޖޭގެ ޑަންސައިޕިންގްއަކީ ކާކުބާވައެވެ. ޓީއަނަމަން މައިދާނަކީ ކޮބައިބާވައެވެ. މަރުވެދާނޭ ޒުވާނުން އެބަތިބިބާވައެވެ. ރާއްޖެއަށް މިއަދު ވަމުން މިދާ ގޮތްދެކެފައި ޗައިނާއަށް ވޯގޮތް އެނގިފައިވާތީވެ "ހިޔާލުގެ އަސް" މާތަނަވަސް މައިދާނަކަށް ގެންދަން ދަތީއެވެ. އަހަރަމެންގެ ތެރެއިން ބައެއް ވެރިންނާބެހޭ ހަޤީޤަތް އެނގިދާނެތީވެ އެބައިމީހުން ކޮށްފައި ނުކުރާނެ ވަކިކަމެއް ލަފާކޮށްލަންވެސް ނޭނގެއެވެ. މިހާތަނަށް ކަންކުރަމުންދަނީ ޗައިނާގައި ވެސް ހަމަ ކަންކުރަމުން ގެންދިޔަ ގޮތަށެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރަނީ އިންސާފުވެރި އުސޫލުތަކެއް ޤާއިމު ކުރުމަށް ބަޔަކު އުޅެނީ ކަމުގައި ވަނީނަމަ އެބައެއްގެ އަގު ވައްޓާލުމަށެވެ. މަސައްކަތް ކުރަނީ އެންމެ ޖާހިލު ސިފައިގައެވެ. ބުއްދިޤަބޫލު ނުކުރެވޭފަދަ ނޫސްބަޔާން ތަކުގައި ރަޖިސްޓްރީވެގެން ނެރޭ ނޫސްނޫހުގެ މަސްއޫލުވެރިންނީ 3 ނޮވެމްބަރގައި އެހިނގި ނޭދެވޭ އަމަލުތައް ހިންގިކަމަށް ބުނާ މީހުންނާއި ގުޅިފައިވާ މީހުންނޭ ކިޔާ ހަޤީޤަތެއް ނެތް ހަބަރުފަތުރަނީއެވެ. ރަށުތެރޭގައި ފިތުނަ ފަސާދަ އުފައްދަނީއެވެ. ހުރިހާވެސް ބޭނުމަކީ ތެދު އެންގުމަށް ބޭނުންވާ މީހުން އަދުލްއިންސާފަށް ލޯބިކުރާ މީހުންނީ ޤައުމުގެ ދުސްމަނުންކަމުގައި ޢިއުލާން ކުރުމެވެ. މިނޫސްބަޔާންތައް އެނެރޭ ބަޔަކަށް " އިސްލާމީ ތަހްޒީބު" ގެ އަލިކުޑަކޮށްވެސް ފެނިފައި ހުރިކަމަށް ޤަބޫލުކުރަން ވަރަށް ދައްޗެވެ. އެބައިމީހުންގެ ހަމައެކަނި ބޭނުމަކީ ތެދުހަޤީޤަތް އޮޅުވައިލުން ކަމާއިމެދު އުފެދިފައިވާ ސައްކެއްވެސް ނެތި ހިނގެއްޖެއެވެ. މިހެން މިކަން ހުރިއިރު އުފެދޭ ސުވާލަކީ "ފޮރުވަން އެއުޅެނީ ކޮންއެއްޗެއް ނުވަތަ ކޮންކަމެއްބާވައެވެ. ހައްޤު އަދަބު ލިބިފައިތިބި މީސްމީހުންނާ ބައްދަލު ކުރުމުން އެނގިދާނެ އެއްޗެއް ބާވެއެވެ. ބަންދުގައި ތިބި ކުށްވެރިޔަކާއި ބައްދަލު ކުރުމުން މައުލޫމާތެއް އެނގުނަސް ސަރުކާރު ބަދުނާމްވާފަދަ މައުލޫމާތެއް އެގެންވީ ސަބަބެއް ނޯންނާނެއެވެ. އެހެނަސް އެފަދަ ކުށްވެރިއަކަށް އޭނާއަށް ހައްޤުނުވާ އަދަބެއް ލިބިފައިވާ ނަމަ އެމައުލޫމާތު ދިނުމުން ބަދުނާމް ވެދާނެކިތައްމެ ބައެއް އެބައުޅެވެ. ޖަލުގައި ނަހަމަ ގޮތުގައި އިންސާނިއްޔަތު ކަމެއްނެތް ސިފައިގައި ހައްޤުނޫން ކިތައްމެ އަނިޔާއެއް ދޭކަމީ މުޅިރާއްޖެއަށް ދަންނަ ސިއްރެކެވެ. ނޫސްވެރިއަކަށް ވެހުންނަވާ ކޮންމެ މީހެއްގެމެ ވާޖިބަކަށް ވާންޖެހޭނީ މިފަދަ ސިއްރުތައް ހާމަކުރުމެވެ. އެއީ ކޮންމެހެން ވަކި މީހެއްގެ ޒާތާއި ދިމާކުރުމުގެ ގޮތުގައެއް ނޫނެވެ. އާންމު ރައްޔިތުންނަށް ތެދު އަންގާ ދިނުމަށްޓަކައި އެވެ. ރާއްޖެއަސް "އިސްލާމީ ތަހުޒީބު" އައިސްފައިވޭބައެވެ. މިފަދަ ތަހުޒީބެއް ނެތްނަމަ އިސްލާމް ދީންގެ ތަހުޒީބު ގެނައުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ދުލެއްވުރެ ގޮށްމުށުގެ ބާރު ބޭނުންކޮށްގެން ނުވާނެއެވެ. ޤަލަމަށް ވުރެން ކަނޑީގެ ބާރު ގަދަކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެހެނަސް އަހަރަމެންނަށް ވިސްނަން ލިބިފައި މިވާ އޮނިގަނޑަކީ ވަރަށް ހަނި ދާއިރާއެއްގެ އެކުލަވައިލާފައިވާ އޮނިގަނޑެކެވެ. އަދުލްއިންސާފު ނެތުމާއި އިންސާނީ ހައްގުތަކުގެ ހުރުމަތް ކަނޑައިލުމާއި ޖަލުގައި އަނިޔާ ދެއްކުމާއި ހިޔާނާތްތެރިވުންފަދަ ކަންތައް އަހަރަމެން މުޖުތަމަޢުގައި ދިވެހި އާދަކާދައަށް ވެނިމިފައެވެ. އަޅުގަނޑުގެ މިލިއުން މިއީ ގޯސްލިއުމެއްކަމުގައި ބަލައި އަޅުގަނޑު ހައްޔަރުކޮށް އަނިޔާ ދެއްކުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް ބަންދުކުރެވޭނީ އަޅުގަނޑުގެ ހައްޓެވެ. ޖާނެއެވެ. ހުރިހާވެސް އެއްޗަކީ ހިތްކަމަށް ވަނީނަމަ އަތާއި އަތްފައިގައި ޗޭން އެޅުވިޔަސް ހިތެއް ބަންދެއް ނުކުރެވޭނެއެވެ.

ނޯޓް: މިލިއުމަކީ މީގެ އަށާރަ އަހަރުގެ ކުރިން ނެރުނު " ސަންގު" ނޫހުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދުނަސީދު އަންނި ލިޔެފައިވާ ލިއުމެކެވެ.

0 comments:

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP