ފަންސާސް ހާސް ރުފިޔާއިން ކަމެއް ނުކުރަނީ ކީއްވެ؟

>> Monday, September 22, 2008

މިދިޔަ އަހަރުގެ އެޕްރީލްމަހު ހދ އަތޮޅުކޮމެޓީގެ ފަރާތުން 50000 ( ފަންސާސް ހާސް ) ރުފިޔާ ވަނީ ހަދިޔާއެއްގެ ގޮތުގައި ދެއްވާފައެވެ. އެހެންނަމަވެސް ވަކި ސަރުތުތަކާއި ލައިގެންނެއެވެ. އެސަރުތަކީ އެފައިސާ އެއް އަހަރުތެރޭގައި ބޭނުން ކުރުމެއެވެ. އަދި އެހެންމެ ހަރަދު ކުރަންޖެހޭ އުސޫލެއްވެސް ކަނޑައަޅާފައި ވެއެވެ. މިގޮތުން ކަނޑައަޅަފައިވާ އުސޫލަކީ އިޖްތިމާއީގޮތުންނާއި ތަރައްޤީގެ ގޮތުން ހިންގާ މަސްރޫޢުތަކަށް ފައިސާ ހަރަދު ކުރުމެއެވެ. ފައިސާ ދެއްވި އުސޫލުތަކައި ބޭނުންތައް ވަރަށް ރަނގަޅެއެވެ. އެހެން ނަމަވެސް މިހާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރުވެސް އެފައިސާ އެކި ކަންކަމަށް ހަރަދު ނުކުރަނީ ކީއްވެގެންތޯއެވެ. ނިކަން ބައްލާވާށެވެ. މިދަންނަވާ ފައިސާ ލިބުނުފަހުން ކުނި އަޅާ ސަރަހައްދެއް ވަނީ ހަދާފައެއެވެ. މި ސަރަހައްދަށް ކޮށްފައި އޮތީ ކޮން ހަރަދެއްތޯއެވެ. އެންމެ ކުޑަވެގެން ތަން ނޮޅާ ސާފުކޮށްފައިވަނީ ވެސް އެހެން ބަޔެކެވެ. މިތަނަށް ހަރަދު ކޮށްގެން ގޮނޑެއް ހަދާދިނުމަށް ވެރިން ކިބައިގައި ހިޔާލު ހުންނަނަމަ މިއަދު ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތި ވެގެން ނުދާނެއެވެ. މިއަށްވުރެ ކުދި އާބާދީ ވާ ރަށްރަށުގައި ފެންވަރު ރަނގަޅު ކުނިއަޅާ ސަރަހައްދު ޤާއިމު ކޮށްފައިވެއެވެ. އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލަކީ ކޮބައިތޯއެވެ. ފައިސާ އެބަހުއްޓެއެވެ. މަސައްކަތް ކުރާނެ ރައްޔިތުން އެބަ ތިއްބެއެވެ. ދެން މިކަން ނުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ. ބަޔަކު އުނދަގޫތަކެއް ކުރިމަތި ކުރުވަނީތޯއެވެ. އުނދަގޫތަކެއް ކުރިމަތި ވަނީކީއްނޫނެއެވެ. ހުރިހާވެސް މައްސަލައަކީ ރައްޔިތުން ލައްވާ މަސައްކަތް ކުރާނެ ވެރިން ނެތުމެއެވެ. ރައްޔިތުން ދެކެ ލޯބިނުވުމެވެ. އަޅާނުލުމެވެ. ފަރުވާ ކުޑަކުރުމެވެ. ބަސް ޤަބޫލު ނުކުރުމެވެ. ކުރިއެރުމަށް ފުރަގަސްދިނުމެއެވެ. މިހުރިހާ ކަމެއް އެކުލެވިގެން ވާއިރު މިފައިސާއިން ރައްޔިތުންނަށް މަންފާއެއް ވާނެކަމާއި މެދު ސައްކެއެވެ. ވިޔަސްވާނީ ގެއްލުމެއެވެ. ގެއްލުމޭ މިދެންނެވީ ފައިސާ ބޭނުން ނުކުރާނަމަ ދެން އަލަކުން ފައިސާއެއް ނުދޭނެކަން އަތޮޅުއޮފީހުން ދަންނަވާފައި ވާތީއެވެ. އެހެންވީމާ މިއިކީ ދެރަ ނުވާނެ ސަބަބެއްނޫނެއެވެ. ގިނަފަހަރު ރައްޔިތުންގެ މިލްކިއްޔާތަށް ފައިސަކޮޅެއް ލިބެނީ މިދިލި ގަހެއް ނޫނިއްޔާ ފުނަގަހެއް ވިއްކައިގެންނެވެ. މިގޮތަށް ހިލޭ ސާބަހަށް ލިބޭ ފައިސާތައް ވީހާވެސް އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ފައިދާވާ ގޮތަކަށްހަރަދު ކުރުމީ ވަރަށް މުހިއްމުކަމެކެވެ. ތިޖުރީގައި އެހެން ނޫނިއްޔާ އެކައުންޓްގައި ޖަމާ ކުރުމަކުން މަންފާއެއް ހާސިލެއްނުވާނެއެވެ. އަޅުގަނޑު އެދެނީ ވީހާވެސް އަވަސް ފުރުސަތެއްގައި 50000 ރުފިޔާ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ހުސްކޮށްލުމެއެވެ. ރައްޔިތުން ބޭނުންވެފައިވާ ކަންކަމަށް ހަރަދުކުރުމެއެވެ.

0 comments:

  © Blogger template Sunset by Ourblogtemplates.com 2008

Back to TOP